ސިޓީ ކައުންސިލާ ގުޅޭ ގޮތުން ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުޢިއްޒު ދައްކަވާފާއިވާ ވާހަކަފުޅު ތަކަކީ ސިޔާސީ ތަޖުރިބާ މަދުވުމުން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ނޫހެއްގައި ލިޔުުނު ހަބަރަކާ ހަވާލާދީ ބުނެފައި ވަނީ ސިޓީ ކައުންސިލަރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ޑރ. މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން ހޮވާފައިވާ ކައުންސިލަރުންތަކަކާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގައި މާލޭ ސިޓީގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް އެކަށީގެންނުވާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ސޮއި ކުރައްވާ ނެރެފައިވާ ބަޔާނުގައި މިނިސްޓަރުގެ އެ ވާހަކަތަކަކީ ސިޔާސީ ތަޖުރިބާ މަދުވުމުން ދެއްކެވިފައިވާ ވާހަކަތަކަކަށް ވާތީ ކައުންސިލަރުންގެ ފަރާތުން މުއިއްޒުގެ ވާހަކަތަކަށް މަޢާފުކޮށްދޭ ކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ދައްކަން ނުޖެހޭ ވާހަކަތަކެއް ދައްކަވާފައިވާނަމަ އެ ވާހަކަތަކަށް ހައުސިން މިނިސްޓާ މާލޭ ސިޓީ ރައްޔިތުންގެ ކިބައިން މާފަން އެދެން ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހައުސިން މިނިސްޓާ ކުރައްވާ ކޮންމެ މަސައްކަތެއްގައި ތަޖުރިބާ މަދުވުމުގެ ސަބަބުން ފުރިހަމައަށް އެކަން ނުކުރެވޭނެތީވެ ސިޓީ ކައުންސިލުން ޚާއްސަގޮތެއްގައި ހައުސިންމިނިސްޓަރަށް އެހީތެރިވެދޭން ތައްޔާރަށް ތިބިކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލަކީ ދުވަހުން ދުވަހަށް މިނިސްޓްރީން މުއާމަލާތް ކުރަންޖެހޭ ތަން ކަމަށްވާއިރު "ޖެއްސުން ކުރުމުން" ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ގާނޫނުތައް ވެސް މާނަކުރަނީ ކައުންސިލުން ބޭނުންވާ ގޮތަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.