27 May 2025, 18:35
އެފްއޭއެމް ލީގު ކަޕުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން ނުކުންނާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށާ، ފައިނަލް މެޗަށް ނެރޭނީ އެންމެ ވަރުގަދަ، ފުރަތަމަ އެގާރަ ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ މަގާމާއެކު، ފަސް ޓީމު ހިމެނޭ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. މާޒިޔާ އާއި އޮޑި ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މާދަމާ ރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ތަފާތު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދުމަށް ކަމަށާއި، މާޒިޔާއިން ފައިނަލް ކުޅޭނީ އިދިކޮޅު ޓީމަކީވެސް ވަރުގަދަ ޓީމެއްކަން އެނގިތިބެ، މޮޅުވުމުގެ ރޫހެއްގައި ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ވަނީ ފައިނަލުގައި އެ ޓީމުން ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއްގެ ވާހަކަ ފާހަގަކޮށްފައެވެ. އެގޮތުން ޝޫޓްތަކުގެ ކޮލިޓީ އާއި ޕާސްތައް ވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ކޯޗު ބުންޏެވެ. އަދި މާޒިޔާއަށް މި މުބާރާތުގައި ގޯލުތަކެއް ފޫއަޅުވާލަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށް ވެސް ކޯޗު ބުންޏެވެ.
"ޝޫޓްތަކުގަ ރަނގަޅުކުރަން ޖެހޭ ކަންކަން ފެނޭ، އެކަން ރަނގަޅުކޮށްލެވިއްޖެނަމަ މެޗުން މޮޅުވެވޭނެ، އެހެންވީމަ ހުރިހާ ފޯކަސްއެއް މިބަހައްޓަނީ މިކަންކަމަށް" ކޯޗު ލުއިސްމާ ހެނާންޑޭސް ބުންޏެވެ.
ކޯޗު ބުނީ މާޒިޔާއަށް ގިނަ ގޯލުތަކެއް ކާމިޔާބުނުކުރެވުމުން ކުޅުންތެރިން ތިބީ މާޔޫސްވެފައި ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދީ މެޗު ކާމިޔާބުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލާފައެވެ.
"އަހަރެމެން ކޮންފިޑެންސް އަލުން ގެންނަންވީ, ހަމަޖެހިލައިގެން ކުޅެފިއްޔާ ކާމިޔާބުވާނެ" ކޯޗު ބުންޏެވެ.
މާޒިޔާ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ ރާއްޖެގަޑިން މާދަމާރޭ 21:00 ގައެވެ.