މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެން ޖެހޭނީ ހަނގުރާމައަކަށް ނުކުންނަހެން ތައްޔާރުވެގެން ކަމަށާއި މުބާރާތުގެ އެހެން ހުރިހާ މެޗަކަށްވުރެ ފައިނަލު މެޗުގައި ވިސްނަންޖެހޭ ކަންކަން ގިނަވާނެ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވެހުރި ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފިއެވެ.

ފައިނަލުގައި މާދަމާރޭ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފަރުހާދު ބުނީ މާޒިޔާ އަކީ ފާއިތުވި ފަސް ވަރަކަށް އަހަރު ރާއްޖޭގެ ފުޓްބޯޅަ ލީޑުކުރަމުން އައި ވަރުގަދަ ސްކޮޑަކާއެކު އޮތް ޓީމެއް ކަމަށެވެ.

މާޒިޔާގެ މެނޭޖްމަންޓަކީ ކޮންމެ މުބާރާތަކަށް ވެސް ވަރުގަދަކޮށް ތައްޔާރުވާ ޓީމެއް ކަމަށާއި އެހެންކަމުން ފައިނަލުގައި މާޒިޔާ ބަލިކުރަން ނުކުންނަންޏާ ނުކުންނަން ޖެހޭނީ ހަނގުރާމައަކަށް ނުކުންނަހެން ތައްޔާރުވެގެން ކަމަށް ފަރުހާދު ބުންޏެވެ.

"މާޒިޔާގައި އޮތީ އެވަރުގެ ވަރުގަދަ ސްކޮޑެއް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކުރިން މާޒިޔާއަށް ވެސް ކުޅެފައިވާ ފަރުހާދު ބުންޏެވެ.

ފަރުހާދު ބުނީ މާޒިޔާއަކީ ފައިނަލުތަކުގައި ކުޅެން ފަރިތަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެ ތަޖުރިބާ ޓީމުގައި ހުރި ކަމަށެވެ. އެއާހިލާފަށް މިއީ އޮޑި ސްޕޯޓްސްއަށް ފުރަތަމަ ފައިނަލަށް ވުމުން މިއީ އެ ޓީމަށް އައު ކަމެއް ކަމަށްވެސް ފަރުހާދު ބުންޏެވެ.

"ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ވެސް އައު ވާނެ، އެބަތިބި އެކްސްޕީރިއަންސް ޕްލޭޔާސް، ދުލެއް ނުދޭނަން، ފަސޭހައެއްނުވާނެ" ފަރުހާދު ބުންޏެވެ.

ހުރިހާ ގޮތަކަށް މި މެޗަށް ތައްޔާރުވެގެން ތިބިކަން ފާހަގަކޮށް ފަރުހާދު ބުނީ އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި މުޅި މުބާރާތުގައި ވެސް މެޗަކަށް ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުކުރި ތަން ފެނުނު ކަމަށާއި ނޮކްއައުޓާ ހިސާބުން އެ ޓީމުގެ ފަރާތުން އުންމީދުކުރި ކުޅުން ފެނުނު ކަމަށް އޭނާ ބުންޏެވެ.

އޮޑި ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނާ ކުރިމަތިލާން ތައްޔާރީތައް ވާން ފެށީ އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަންއާ އެކުއެވެ. ނަމަވެސް މުބާރާތުގެ ކުރިން އޭނާ ވަނީ މަގާމުން ވަކިވެފައެވެ. ނަމަވެސް އެ ގޮންޖެހުންތަކާއެކު މަސައްކަތްތަކެއް ކުރިކަން ފަރުހާދު ފާހަގަކުރިއެވެ.

އެފްއޭއެމް ލީގު ކަޕުގައި އޮޑި ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ރޭ 21:00 ގައެވެ.