ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ސައިކަލެއްގައި ހ. ރެދަން، ފަވާޒު ކަޅުތުއްތު ރޯކޮށްލިތަން ދުށް ކަމަށް މީހަކު ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓްގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދިން މީހާ ބުނީ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 16:30 އެހާކަންހާއިރު ފުލުހެއްގެ ސައިކަލްގައި ފަވާޒު ރޯކޮށްލިތަން އޭނާ ދުށް ކަމަށެވެ. ފަވާޒު އެ ސައިކަލްގައި ރޯކޮށްލި ގޮތް ވެސް އޭނާ މިއަދު ކިޔައިދިނެވެ.

އެ މީހާ ބުނީ ފަވާޒު ސައިކަލްގައި ރޯކޮށްލީ ސައިކަލްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށް ފަހު ކަމަށާއި އެވަގުތު ފަވާޒު ހުރީ މޫނުގައި ފޮތިގަނޑެއް އަޅައިގެން ކަމަށެވެ. އަދި އެކަން ނުކުރުމަށް ފަވާޒަށް ނަސޭހަތްތެރިވި ކަމަށް ވެސް އެމީހާ ބުންޏެވެ.

މޫނުގައި ފޮތިގަނޑެއް އަޅައިގެން ހުރުމުން އެއީ ފަވާޒުކަން އެނގުނީ ކީއްވެގެންތޯ ފަވާޒުގެ ގާނޫނީ ވަކީލު އެއްސެވުމުން އޭނާ ބުނީ އޭނާގެ ބޯ ވެސް ހުރީ ބުޅިކޮށް ކަމަށާއި ރޯކޮށްލީ ފަވާޒުކަން ޔަގީންވާ ކަމަށެވެ.

އޭނާ ބުނީ ފަވާޒު ސައިކަލްގައި ރޯކޮށްލި އިރު އެތާގައި އިތުރު މީހަކު ވަޅިއެއް ހިފައިގެން ވެސް ހުރި ކަމަށެވެ. އަދި އެވަގުތު އެތާހުރި މީހެއްގެ މޫނުން ލޭ އައިތަން ވެސް އޭނާއަށް ފެނުނު ކަމަށެވެ.

މި މައްސަލައިގައި ތިން ފުލުހެއްގެ ހެކިބަސް ވެސް ނެގި އެވެ.

ހެކި ބަސް ދިން ދެ ފުލުހަކު ބުނީ އެ ދުވަހު ފަވާޒު ލައިގެން ހުރި ސޯޓް ހޯދުމަށް ފަވާޒު ގޮވައިގެން އޭނާ ގެ ގެޔަށް ދިޔަ ކަމަށެވެ. އަދި ބުނީ ފަވާޒު އެ ސޯޓް ގެނެސް އެ މީހުންނާއި ހަވާލުކުރި ކަމަށާއި އޭގެ ފަހުން އެ ސޯޓު ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ހެކިބަހަށް ފަހު އެދުވަހު ސައިކަލް ރޯކޮށްލާފައިވާ ތަނުން ނަގާފައިވާ ވީޑިއޯ އެއް ޝަރީއަތުގައި ދެއްކުމަށް ފަހު އެ ވީޑިއޯ އެނަލައިޒް ކުރި ފުލުސް މީހާގެ ފަރާތުން އެ ވީޑިއޯ އާއި ބެހޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ ރޯކޮށްލާފައި އޮތް ސައިކަލެއް ބިންމައްޗަށް ވެއްޓިފައި އޮއްވާ އެ ސައިކަލް ކައިރިން ބޯ ބުޅިކޮށް ހުރި މީހަކު މޫނު ނިވާކޮށްގެން ވަރަށް ބާރަށް ދުވެފައިދާ ތަނެވެ.

ދައުލަތުގެ ވަކީލާއި ފަވާޒުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވީޑިއޯ އެނަލައިޒް ކުރި ފުލުސް މީހާ ބުނީ އެ ވީޑިއޯ އިން ފެންނަނީ ފަވާޒުކަން ވީޑިއޯ އެނަލައިޒް ކުރުމުން އެނގިގެން ދިޔަކަމަށެވެ.

އޭނާ ބުނީ ފަވާޒުގެ އިސްކޮޅާއި ހުންނަ ސިފައާއި ހަރަކާތްތަކަށް ބެލުމުން އެ ވީޑިއޯ އިން މޫނު ނިވާކޮށްގެން ދުއްވާފައި ދިޔައީ ފަވާޒުކަން އެނގޭ ކަމަށެވެ. އަދި އެ ވީޑިއޯ އިން ފެންނަ އިރު ފަވާޒުގެ އިސްތަށިގަނޑު ހުރިގޮތާއި އޭނާ ހައްޔަރު ކުރި އިރު އިސްތަށިގަނޑު ހުރިގޮތާއި އެއްގޮތް ކަމަށް ވެސް ފުލުސް މީހާ ބުންޏެވެ.

ހެކިބަސް ނަގާ ނިމުން ގާޒީ ވިދާޅުވީ ފަވާޒުގެ ފަރާތުން ވެސް ދިފާއުގައި ހެއްކަކު ހުށަހަޅާފައިވާ ކަމަށާއި އެ މީހާގެ ހެކި ބަސް ނަގާނީ މިއަދު ނެގި ހެކިބަހަށް ބެލުމަށްފަހު އެމީހާގެ ހެކިބަސް ނަގަން ފެންނަ ނަމަ ކަމަށެވެ.