ލާންސް ކޯޕްރަލް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް ވަޅިހަރައި މަރާލި ކަމަށް ތަހުގީގުގައި އިއުތުރާފުވެފައިވާ މުހައްމަދު ސަމާހު 22، ގެ މައްޗަށް މިއަދު ދައުވާ ކްރިމިނަލް ކޯޓްގައި ދައުވާ އުފުލައިފި އެވެ. ޕީޖީ އޭނާގެ މައްޗަށް ދައުވަ އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގަ އެވެ.

ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަލީމް މަރާލިކަމަށް ތަހުގީގުގައި އިއުތިރާފު ވެފައިވާ ކާށިދޫ، ސުވާސާގޭ، ސަމާހު މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި މިހާރު ކޯޓުން ވެސް އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ މިޑިޔާ ކޯޑިނޭޓަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ސަމާހުގެ މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށައި ނަމަވެސް މައްސަލައިގެ ޝަރީއަތް އަދި ތާވަލް ނުކުރާ ކަމަށެވެ.

ގައިގެ އެތަން މިތަނަށް ވަޅިހަރައި ހަލީމް މަރާލާފައި ވަނީ މާރާމާރީގެ މައްސަލައެއްގައި ސަމާހު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހަލީމް ޑިއުޓީއަށް ދަނިކޮށް މަގުމަތިން ހަމަލާދިނުމަށް ފަހު އެވެ. ހަލީމް މަރާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.

ކާށިދޫ ކައުންސިލުން ބުނީ ސަމާހަކީ މަރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.