މި އަހަރުގެ ހައްޖުގެ އަޅުކަމަށް މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސައުދީގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ހައްޖު މޫސުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީގެ މިނިސްޓަރު އޮފް މީޑިއާ ސަލްމާން ބިން ޔޫސުފް އަލް ދޮސާރީ ވިދާޅުވީ ހުކުރު ދުވަހުގެ ނިޔަލަށް 1،070،000 މީހުން ސައުދީއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަން ޛުލްޙިއްޖާ މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދެއެވެ. މިއަހަރުގެ ހައްޖު މުސުމަކީ އަންނަ މަހުގެ ހަތަރަކުން ނުވައެއްގެ ނިޔަލަށެވެ.

ޛުލްޙިއްޖާ މަހަށް ހަނދު ބެލުމަށް ސައުދީ އަރަބިއްޔާއިން ވަނީ މުސްލިމުންނަށް ގޮވައިލާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ފުރާ މީހުންގެ ފުރަތަމަ ފްލައިޓް އިއްޔެ ވަނީ ފުރާފައެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުން ހަތަރު ފްލައިޓެއްގައި ފުރަން ހަމަޖެހިފައިވާއިރު، ދެ ވަނަ ފްލައިޓް މިއަދު ވަނީ ފުރާފައެވެ.

ތިން ވަނަ ފްލައިޓް މި މަހުގެ 29 ވަނަ ދުވަހު އަދި ހަތަރު ވަނަ ފްލައިޓް މި މަހުގެ 30 ވަނަ ދުވަހު ފުރަން ވަނީ ހަމަޖެހިފައެވެ.