މިހާރަކަށް އައިސް ފިލްމުތަކުން ވަރަށް މަދުން ފެންނަ ތަރިން ކަމަށްވާ ނެހާ ދޫޕިއާ އާއި ކުނާލް ކެމޫ އެކީގައި ވެބް ސީރީސްއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދީ މިޑްޑޭގައި ބުނެފައިވާ ގޮތުން މި ދެ ތަރިން ސޮއިކޮށްފައި ވަނީ ޒުވާން ޑައިރެކްޓަރު ޝިޝާންކް ހައިތަން އުފައްދާ ވެބް ސީރީސްއަކަށެވެ.

މީގެކުރިން ދަރުމާ ޕްރޮޑަކްޝަންސްއަށް ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޝިޝާންކްގެ މި ވެބް ސީރީސް ގެނެސްދޭނީ ކޮން ޑިޖިޓަލް ޕްލެޓްފޯމެއްގައި ކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޝިޝާންކްގެ މި ވެބް ސީރީސް އޭނާ ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ.

ކުނާލް އާއި ނެހާ އެކީގައި ވެބް ސީރީސްއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ދެ ތަރިންނަކީ ވެސް ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. ނެހާގެ ފިރިމީހާ އަންގަދުއާއި ކުނާލްގެ އަންހެނުން ސޯހާ އަލީ ޚާން އަކީ ވެސް ވަރަށް ގާތް ރަހްމަތްތެރިންނެވެ.

"ތުމާރޫ ސުލޫ"ގެ މަންޒަރެއްގައި ނެހާ ދޫޕިއާ ބަތަލާ ވިދްޔާ ބާލަންއާ އެކު--ފޮޓޯ/ފިލްމުފެއަ

"ސިންގަލް ޕާޕާ"ގެ ނަމުން ޝިޝާންކް އުފައްދާ މި ވެބް ސީރީސްގައި ނެހާ ފެންނާނީ ލީޑް ބަތަލާގެ ރޯލްއިން ކަމަށްވާއިރު މިއީ ޝިޝާންގެ ފުރަތަމަ ވެބް ސީރީސްވެސްމެއެވެ. ޝިޝާންކްގެ މި ވެބް ސީރީސް އަކީ ހެއްވާ މަޖާ ރަހަތައް އޭގައި ހިމެނޭ ސީރީސް އަކަށް ވުމުން ނެހާ އާއި ކުނާލް އަކީ އޭނާގެ ބޭނުންވާ ރޯލަށް އެންމެ ފުރިހަމަ ދެ ތަރިން ކަމަށް ޝިޝާންކްގެ ފަރާތުން މީޑިއާގައި ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

ޝިޝާންކް މިހާރު ވެސް އަންނަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ވަރުން ދަވަން އަދި ބަތަލާ ޖާންވީ ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އެވެ.

ނެހާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ދަރުމާއިން ގެނެސްދިން ފިލްމު "ބޭޑް ނިއުސް"އިންނެވެ.