27 May 2025, 09:06
މީގެ ހަތް އަހަރު ކުރިން ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ރީތި ލޯބީގެ ފިލްމު "ދަޅަކް"ގެ ސީކުއަލް "ދަޅަކް 2" މި އަހަރުގެ އޮގަސްޓް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
ޒުވާން ފިލްމީ ތަރިން ކަމަށްވާ ސިދާންތު ޗަތުރުވެދީ އަދި ތުރިޕްތީ ދިމްރީ ލީޑް ރޯލްއިން ފެންނާނެ "ދަޅަކް 2" އެންމެ ފުރަތަމަ ޕްލޭންކުރެވުނީ މިދިޔަ އަހަރު ސިނަމާތަކަށް ގެނައުމަށެވެ. ނަމަވެސް ސެންސަރު ބޯޑުން ނިންމަންޖެހޭ މަރުހަލާތައް ނިމުން ލަސްވެ ގިނަ ދުވަސްވުމާ ގުޅިގެން ފިލްމު ރިލީޒްކުރާނެ ތާރީޚެއް މިހާތަނަށް ވަނީ ކަށަވަރުނުވެފައެވެ.
މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން "ދަޅަކް 2" އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.
މި ފިލްމު މި އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ސިނަމާގައި ފިލްމު ދެއްކުމަށްފަހު ވަރަށް އަވަހަށް ނެޓްފްލިކްސްއިން މި ފިލްމު ޕްރީމިއާ ކުރަން ވެސް ވަނީ ނިންމާފައެވެ.

ފިލްމު "ދަޅަކް"ގެ މަންޒަރެއްގައި ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރު އަދި އިޝާން ހައްތަރު--ފޮޓޯ/މިޑްޑޭ
ޝާޒިއާ އިގްބާލް ޑައިރެކްޓްކޮށް ރާހުލް ބަދްވެލްކަރު ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ދަޅަކް 2"ގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ.
ދަރުމާއިން 2018 ވަނަ އަހަރު ގެނެސްދިން ފިލްމު "ދަޅަކް"ގެ ޑައިރެކްޓަރަކީ ޝިޝާންކް ހައިތާންއެވެ. އެ ފިލްމަކީ ޖާންވީ ކަޕޫރު އަދި އިޝާން ހައްތަރު ބޮލީވުޑަށް ތައާރަފްވި ވަރަށް ރީތީ ލޯބީގެ ފިލްމެކެވެ.
ދަރުމާއިން ފިލްމު "ދަޅަކް 2" އިއުލާން ކުރުމަށްފަހު ބުނެފައި ވަނީ މިއީ 2018އިގެ ސީކުއަލްއެއް ނަމަވެސް އެ އަހަރު ގެނެސްދިން ފިލްމުގެ ސްޓޯރީއާ ފަހުގެ ފިލްމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.