ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށް އެކަން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސޮއި ކުރައްވާ ހުރިހާ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނަނީ ޖޫން ތިނެއްގައި ފޮނުވި ސާކިއުލާޔާ އެއްގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް މިހާރު އުނިކޮށްފައިވާ ކަމަށެވެ.

ބަޖެޓް ކުޑަކުރުމަށް އަންގާ މިދިޔަ މަހު އޮފީސްތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން ސަރުކާރު އޮފީސްތަކާއި ކައުންސިލްތަކުން ޖޫން މަހުގެ 15 ގެ ކުރިން ބަޖެޓް ކުޑަކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެ އެވެ. އަދި މިނިވަން މުއައްސަސާތަކުން ވެސް ޖޫން 20 ގެ ކުރިން ބަޖެޓް ކުޑަކޮށް ފިނޭންސަށް ފޮނުވަން ޖެހެ އެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު ބަޖެޓް ކުޑަކޮށް ފޮނުވާފައިވަނީ ދައުލަތުގެ 14 އޮފީހަކުންނެވެ. ބަޖެޓުން ހަރަދުކުރާ 35 އޮފީހެއް ހިމެނެ އެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ބަޖެޓް ކުޑަ ނުކޮށް ހުރި އޮފީސްތަކާއެކު ހުރިހާ އޮފީހެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކުރީ ދައުލަތުގެ ބަޖެޓަށް ލަފާކުރާ ކުރި މިންވަރަށް މިއަހަރު އިތުރަށް އާމްދަނީ ނުލިބޭނެތީ އާއި އަދި އާމްދަނީގެ ބޭރުން ވެސް އިތުރަށް ފައިސާ ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓް ކުޑަނުކޮށް ބަޖެޓް މެނޭޖް ކުރެވެންވެސް ނެތް ކަމަށެވެ.

"ލަފާކުރި ވަރަށް އާމްދަނީ ލިބެމުން ނުދާތީ އާއި އަހަރުގެ ކުރިއަށް އޮތްތާންގައި އިތުރު ފައިސާ ލިބޭނެ ކަމަށް ނުބެލެވޭތީ ހުރިހާ އޮފީހެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކުރަން ޖެހުނީ،" ޖިހާދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަސްލު ބޭނުންވީ އޮފީސްތަކުން އަމިއްލަޔަށް ކުޑަކުރައްވަން، ނަމަވެސް ބައެއް އޮފީސްތަކުން ކުޑަނުކުރުމުން އަޅުގަނޑުމެން ހުރިހާ އޮފީހަކުން މި ކުޑަކޮށްލީ،"

އޭނާ ވިދާޅުވީ ބަޖެޓް ކުޑަކުރުމުން ބައެއް އޮފީސްތަކަށް ހަރަދުކުރުމުގައި ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އޮފީސްތަކުގެ ޝަކުވާތައް އެބަހުރި ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.

"ޝަކުވާތައް އަދި ނަޔަސް، ބަޖެޓް ކުޑަކުރުމުގައި އެބޭފުޅުންގެ ޝަކުވާތަކެއް ހުރި، ބައެއް އޮފީސްތަކަށް ހަރަދުކުރުމުގައި ދަތިތައް ކުރިމަތިވާނެ، އެކަމަކު މިކަން ކުރުން ނޫންގޮތެއް ނެތް،"

ފިނޭންސުން ލަފާކޮށްފައިވަނީ އޮފީސްތަކުގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރުމާއި އެކު ދެ ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް ޖިހާދު މިއަދު ވިދާޅުވީ ބަޖެޓު އުނިކުރިޔަސް ކުރިން ލަފާކުރި އަދަދަށް ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު އަންދާޒާ ނުކުރެވޭ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކޮންމެ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ކެބިނެޓުން ނިންމީ މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާ ބަޖެޓް ޑެފިސިޓް 3.4 ބިލިއަން ރުފިޔާއަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވުމާއި އެކު އެވެ.

މިއަހަރުގެ ހަމަސް ފާއިތުވީއިރު ދައުލަތުގެ ހަރަދު ވަނީ 7.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.