29 Jul 2012, 13:52
ލ. އިސްދޫގައި ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެއީ އިސްދޫ ކޮން ގެއަކު ކާކުމެއް ވެސް ކައުންސިލް އިދާރާއަކުން ނުބުނެ އެވެ. ނަމަވެސް އެމީހާއަށް ހަމަލަދީފައިވަނީ ގުރޫޕަކުން ކަމަށް ބުންޏެވެ.
"ކަތިވަޅިން ޖެހުމުގެ ސަބަބުން އޭނާގެ ކަނާތު އަތުގެ ހުޅު ވަރަށް ބޮޑަށް ޒަހަމްވެފައިވަނީ، އަދި އޭނާއަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވަނީ" ކައުންސިލްގެ ރައީސް ހަލީމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިސްދޫގައި ތޫނު އެއްޗެތިތަކެއް ހިފައިގެން މަރާމާރީ ހިންގަން އުޅުނު 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ 10 މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވާ ދެންތިބި އެންމެންވެސް އަދިވެސް ތިބީ ހައްޔަރުކޮށްފައި ކަމަށެވެ.
ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ބަލައި ތަހުގީގް ކުރަމުންނެވެ.