26 May 2025, 16:45
އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ފުރަތަމަ ތިއޭޓަ ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ސްރީރާމް ރާގަވަންގެ މި ފިލްމުގެ ނަމަކީ "އިއްކީސް"އެވެ. ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރިއިރު ފިލްމުގެ ޓައިޓްލް ލޯގޯ ޕޯސްޓަރު ވެސް ވަނީ އާއްމުކޮށްފައެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން ގެނެސްދޭ "އިއްކީސް" މި ފިލްމަކީ އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އަގަސްތިޔާ ކުރީގެ އެކްޓަރު ދަރުމެންދްރަ އަދި ފިލްމު ޕްރޮޑިއުސަރު ދިނޭޝް ވީޖަންއާ އެކު--ފޮޓޯ/ޕިންކްވިލާ
މި ފިލްމުގައި އަގަސްތިއާ ފެންނާނީ އުމުރުން 21 އަހަރުގައި މަރުވި އިންޑިއާގެ އަސްކަރީ އޮފިސަރު ސެކަންޑް ލެފްޓިނެންޓް އަރޫން ކެތަރުޕާލްގެ ރޯލްއިންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ގައުމީ ބަތަލެއްގެ ޝަރަފު އަރުވާފައިވާ އަރޫން ކެތަރުޕާލް މަރުވެފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971ގައި ހިނގި ބަސަންތަރު ހަނގުރާމައިގައެވެ.
މި ފިލްމުގައި އަގަސްތިޔާގެ ބައްޕަގެ ރޯލްއިން ކުރީގެ އެކްޓަރު ދަރުމެންދްރަ ފެންނާނެއިރު ޕާކިސްތާނުގެ އިސް އަސްކަރީ އޮފިސަރެއްގެ ރޯލްއިން އެކްޓަރު ޖައިދީޕް އަހްލަވާތު ފެންނާނެއެވެ.
މީގެއިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ސިކަންދަރު ހޭރު، ސިމަރު ބާޓިއާ އަދި އެކަވަލީ ކަންނާ ވެސް ހިމެނެއެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމުން އަގަސްތިއާ އެކު އަކްޝޭ ކުމާރަށް ބޮޑު ބޭބެ ކިޔާ ސިމްރަން ބާޓިއާ ފިލްމީ ދާއިރާއަށް ތައާރަފްވާނެއެވެ.
އަގަސްތިއާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައި ވަނީ 2023ގައި ޑައިރެކްޓަރު ޒޯޔާ އަހްތަރު ނެޓްފްލިކްސްއަށް ތައްޔާރުކޮށްދިން ފިލްމު "ދި އާޗީސް"އިންނެވެ. މި ފިލްމުން ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޚުޝީ އަދި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ވެސް ވަނީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައެވެ.
އަގަސްތިޔާގެ "އިއްކީސް" ސިނަމާތަކަށް ދޫކޮށްލާނެކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.