29 Jul 2012, 13:08
މިއަހަރުގެ ދެވަނަ ކުއާޓާ، އެޕްރީލް އިން ޖޫންއަށް މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިއަހަރުގެ ފުރަތަމަ ކުއާޓާ، ޖެނުއަރީން މާޗާ އަޅާބަލާއިރު 30 ޕަސެންޓް ދަށަށް ގޮސްފި އެވެ.
މީރާއިން އާންމު ކޮށްފައިވާ މިއަހަރުގެ ދެ ވަނަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ތިން މަހު، އެޕްރީލް އިން ޖޫންއަށް ދައުލަތަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަހު ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 600 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މިދިޔަ ތިން މަހު ދައުލަތަށް ލިބުނު 1.4 ބިލިއަން ރުފިޔާއަކީ ލަފާކުރި އާމްދަނީއަށް ވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ މިއަހަރު ލިބުނު އަދަދު ވަނީ 16.88 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލްއިން ޖޫންއަށް ދައުލަތަށް ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ.
މިދިޔަ ތިން މަހު އެންމެ ގިނައިން އާމްދަނީ ލިބުނީ ޓީ ޖީއެސްޓީ ނޫނީ ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓެކްސްއިންނެވެ. އެ ބައިން ދައުލަތަށް 382.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 263.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ވިޔަފާރި ފައިދާގެ ޓެކްސް އާއި ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 80.6 މިލިއަން ރުފިޔާ އެވެ. އަދި ބިމު ކުލީގެ ގޮތުގައި 4.6 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. އަދި ބިދޭސީ މީހުންގެ ފީގެ ގޮތުގައި މިދިޔަ ކުއާޓާގައި 42.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ޓޫރިޒަމް ދާއިރާއިން ނެގޭ ޓެކްސްތަކުން ލަފާކުރި އަދަދަށް އާމްދަނީއެއް ލިބިފައެއްނުވެ އެވެ. އަދި ޖެނެރަލް ޖީއެސްޓީގެ ބައިންވެސް ލަފާކުރި އަދަދަށް އާމްދަނީ ލިބިފައެއްނުވެ އެވެ. ނަމަވެސް ވިތް ހޯލްޑިން ޓެކްސް އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބޭ އާމްދަނީ ވަނީ ރަނގަޅުވެފަ އެވެ.
މިދިޔަ ތިން މަހު ދައުލަތަށް ލިބުނު އާމްދަނީގެ 63.3 ޕަސެންޓް ލިބުނީ ޑޮލަރުގެ ގޮތުގަ އެވެ. އެއީ 59.9 މިލިއަން ޑޮލަރެވެ. މިއަހަރު ހަމަސް ދުވަސް ފާއިތުވެފައިވާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ މި ދިޔައަހަރުގެ ހަ މަސް ދުވަހަށް ވުރެ 59.2 ޕަސެންޓް އިތުރު އަދަދެކެވެ. މީރާއިން ބުނީ މިދިޔަ ހަމަސް ދުވަހު ލިބުނު އާމްދަނީއަކީ ލަފާކުރި އާމްދަނީއަށް ވުރެ 8.4 ޕަސެންޓް ދަށްއަދަދެއް ކަމަށެވެ.
ދައުލަތުގެ އާމްދަނީ އެހެންހުރިއިރު ދައުލަތުގެ ހަރަދުތައް ވަނީ 7.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.