26 May 2025, 12:20
ހުޅުމާލޭގެ އާ މާސްޓާޕްލޭނާއެކު ވެސް، މިދިޔަ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ދީފައިވާ އެއްވެސް ގޯއްޗަކަށް ބަދަލެއް ނާންނާނެ ކަމަށް, ހައުސިން ޑޮވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
ބޮޑެތި ބަދަލުތަކަކާއެކު ހުޅުމާލޭގެ މާސްޓާޕްލޭން ވަނީ އަލުން އެކުލަވާލައި މިއަދު އާއްމު ކޮށްފައެވެ. ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު، އެ މާސްޓާޕްލޭން އިފްތިތާހުކޮށްދެއްވައިފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބޭރުގެ ތަޖުރިބާކާރުންތަކެއްގެ އެހީގައި އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުންހެން ވަނީ ބަދަލު ގެނެސްފައެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ އިންތިޚާބަށް ވެފައި ވަނިކޮށް ހުޅުމާލެއިން, ބިންތަކެއް ބަހާލީ އެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަކަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސާ އަހުމަދު ޒިނަފް ވިދާޅުވީ ހުޅުމާލޭގެ މާސްޓާޕްލޭން އަލުން ރިވައިޒްކޮށް، އެކުލަވައިލިއިރު ބޯހިޔާވަހިކަމަށް އައު މަޝްރޫއުތަކެއް ހިމަނާފައި ނުވާނެ ކަމަށެވެ. އޭގެ ސަބަބަކީ، މިހާރު ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމެންވާއިރު، ހުޅުމާލޭގައި ހުރި އެހެން ކަންތައްތައް ވެސް ބޯހިޔާވަހިކަމާ އެއްވަރަށް ބެލެންސް ކުރުމުގެ ގޮތުން ކަމަށް ޒިނަފް ވިދާޅުވިއެވެ.
އެގޮތުން 'ބިންވެރިޔާ ސްކީމް'ގެ އެއްވެސް ގޯއްޗަކަށް ބަދަލެއް ނާންނާނެ ގޮތަށް އާ މާސްޓާޕްލޭން އެކުލަވައިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުން ވަނީ ބިންވެރިޔާގެ 699 ގޯތި، އެއްވެސް ގޯއްޗެއް އުނި ނުވާކަން މި ބަދަލު ގެނައިއިރު،އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސާ އަހުމަދު ޒިނަފް

ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ/ އެޗްޑީސީ
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
ނަމަވެސް މިސަރުކާރުން ވަނީ ކުރީ ސަރުކާރުގެ ޕްލޭނަށް މި ފަހުން ވެސް ބަދަލުތަކެއް ގެނެސްފައެވެ.
ކުރީ ސަރުކާރުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމުން, އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކާފައެވެ.
އެގޮތުން ހުޅުމާލެއިން ދޫކުރާ ގޯތިތަކާ އެކު އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވެފައި އޮތެވެ.
އެ ފައިސާ ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން އޮތީ ދެ ފަޅެއް ކަމަށްވާ، ގަލުފަޅާއި މާގިރިފަޅު އެޗްޑީސީއަށް ދީފައިކަމަށް ވެސް ރިޕޯޓުގައިވެއެވެ. އެއީ، 3.3 ބިލިއަން ރުފިޔާއަށް އަގު އަރައި ދެ ފަޅެވެ. އެއާ އެކު ބާކީ 7.7 ބިލިއަން ރުފިޔާ ހަމަޖައްސަން ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްކުރުމަށް އަންގައިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ނަމަވެސް، ރައީސް މުއިއްޒު ވަނީ، ރައްޔިތުންނަށް ދީފައިވާ އެއްވެސް ގޯއްޗަކަށް ބަދަލެއް ނުގެންނަވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.