29 Jul 2012, 12:57
ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ދެ މީހަކަށް މަރުގެ އިންޒާރުދިން މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަރުގެ އިންޒާރުދޭތީ ހައްޔަރުކޮށްފައި ވަނީ ރ. ކަނދޮޅުދޫ ހުދުހުދާގޭ، އިސްމާއީލް އިބުރާހީމް ކަމަށާއި އޭނާ އަކީ ކުރިން ވެސް ކުށުގެ ރިކޯޑްތައް އޮތް މީހެއް ކަމަށެވެ. ދުވާފަރުގައި ދެ ފުލުހަކަށް މަރުގެ އިންޒާރު ދިނީ އިސްމާއީލާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް އޭނާ ހުއްޓުވައި ބަލާ ފާސްކުރުމުން ހިތްހަމަ ނުޖެހިގެން ކަމަށެވެ.
ގާތްގަނޑަކަށް 4000 މީހުން ދިރިއުޅޭ ދުވާފަރުގައި ރޯދަމަހާ ދިމާކޮށް، ކުށް މަދުކުރުމުގެ ހާއްސަ އޮޕަރޭޝަނެއްގައި ހިންގަމުން ދެއެވެ. އެގޮތުން ފުލުހުން ގެންދަނީ ދުވާފަރުގައި ގޭންގް ހަދައިގެން އުޅޭ ތަންތަން ބަލައި ފާސްކުރުމާއި މަސްތުވާތަކެތި ގެންުގުޅޭ ކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަލައި ފާސްކުރަމުންނެވެ.
ދެ ފުލުހަކަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން ދުވާފަރުގައި މީހަކު ހައްޔަރުކޮށްފައި ވާއިރު މިދިޔަ ހަފުތާގައި ކ. ކާށިދޫގައި ޑިއުޓީއަށް ދިޔަ ފުލުހެއްގެ ގަޔަށް ވަޅިހަރައި ވަނީ މަރާލާފަ އެވެ. ފުލުހުންނަށް އަމާޒުކޮށް ތަފާތު ހަމަލާތައް ދިނުން ފަހަކަށް އައިސް ދަނީ ގިނަވަމުންނެވެ.