29 Jul 2012, 12:34
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނޫ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި އެކޮމިޝަންގެ މެންބަރު ކަމުން ބަދުރުއްނަސީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބަދުރު އެމަގާމުން އިސްތިއުފާދެއްވިކަން ބަޔާން ކުރައްވައި މިއަދު ނެރުއްވައި އެކޮމިޝަންގެ ވެބްސައިޓްގައި ސާއިއުކޮށްފައިވާ ހަތް ސޮފްހާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ އޭނާ ގުޅިވަޑައިގަތީ މީޑިއާ މެދުވެރިކޮށް ގައުމަށް އިތުރު ހިދުމަތެއް ކުރުމުގެ ދޮރު މުޅިން ލެއްޕިފައި ވަނިކޮށް ރެގިޔުލޭޓަރެއްގެ ހައިސިއްޔަތުން އިތުރު ހިދުމަތްތަކެއް މިދާއިރާއަށް ކުރެވިދާނެ ކަމުގެ ފޮނި އުންމީދާ އެކީގައި ކަމަށެވެ. ނަމަވެސް ރާއްޖެ މިއަދު ތަހައްމަލް ކުރަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެ އުންމީދުތަކަށް ފުރުސަތު ވަރަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި ހާއްސަގޮތެއްގައި ދައުލަތަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ އެންމެ ބޮޑު އަސަރެއް ކުރިމަތިވެފައިވާ އެއް މުއައްސަސާއަކީ އެކޮމިޝަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ ވެރިންނާއި އާންމު ރައްޔިތުންގެ ސިޔާސީ ނަފުރަތާއި ފުރައްސާރައަށްވުރެ ބޮޑަށް ބޭނުންފުޅުވަނީ އެމަނިކުފާނުގެ އުމުރުފުޅާ ގުޅޭ މިނިވަން އަމާން އަދި ހިމޭން މާހައުލެއްގައި ދިރިއުޅުއްވުން ކަމުގައިވާތީ އެކޮމިޝަނުން އިސްތިއުފާދެއްވީ ކަމަށް ބަދުރު ވަނީ ވިދާޅުވެފަ އެވެ.
ބަދުރު އެމަގާމުން އިސްތިއުފާދެއްވުމަށް ނިންމެވި ސަބަބުތައް ބަޔާންކުރައްވައި އޭނާ ވިދާޅުވެފައިވަނީ "މިނިވަން" ކޮމިޝަނެކޭ ކަރުދާހުގައި އޮތް ނަމަވެސް މިނިވަން ވަނީ ކިހާ ވަރަކަށްތޯއޭ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ބަޖެޓަކީ ފިނޭންސް މިނިސްޓްރީން ކޮންޓްރޯލް ކުރައްވާ އެއްޗެކެވެ. ރައްޔިތުންގެ މަޖްލިސްއިން ފާސްކުރައްވާ ބަޖެޓްވެސް ލިބޭނީ ފިނޭންސް މިނިސްޓްރީން ދެއްވީމައެވެ. ފައިސާގެ ކޮންޓްރޯލް އެހެން ފަރާތެއްގައި އޮތީމާ ދެން އޮންނާނީ ކޮން މިނިވަންކަމެއްތޯ އެވެ؟"
ރާއްޖޭގައި ހިނގަމުން އަންނަ ޓީވީ ރޭޑިއޯ ޗެނަލްތައް މޮނިޓާ ކުރެވޭނެ ގޮތެއް ނެތި އެކޮމިޝަން ހިނގަމުން އަންނަތާ ދޮޅު އަހަރު ވެފައިވާ ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން އެކިއެކި ގޮތްގޮތް ހަދައިގެން އަމިއްލައަށް އިކްވިޕްމެންޓެއް މޮޑިފައިކޮށްގެން ހަތަރު ޓީވީ ޗެނެލް އެކޮމިޝަންގައި ރެކޯޑްކޮށް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރޭޑިއޯތައް މޮނިޓް ކުރެވޭނެ އެއްވެސް ގޮތެއް އަދިވެސް ނެތްއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި އަލަށް 20 ޓީވީ ޗެނަލް ތައްޔާރުވަމުން އަންނަކަން ބަދުރު ވަނީ ފާހަގަކުރައްވާފަ އެވެ.
އެކޮމިޝަނަށް އެންމެ މުހިންމު އެއް އިކްވިޕްމަންޓް ކަމުގައިވާ މޮނިޓަރިން ސިސްޓަމެއް ހޯދަން ކުރީގެ ސަރުކާރާއި މިސަރުކާރުގައި އެކި ފަހަރުމަތިން ދަންނަވާފައިވާކަން ބަދުރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މޮނިޓަރިން ސިސްޓަމެއް ހޯދުމަށް އެކޮމިޝަނުން ކޮންމެ ސަރުކާރެއްގެ ޓްރާންސްޕޯޓް މިނިސްޓަރުގެ އަރިހުގައި ވެސް ދަންނަވާފައިވާނެ ކަމަށާއި ކުރީގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވަނީ ހަތް ޓީވީ ގަނެގެން ކޮމިޝަންގެ ހަތް މެމްބަރުން އަބަދު ބައްލަވަން ތިއްބަވައިގެން ވެސް މޮނިޓް ކުރެވެން ޖެހޭނެ ކަމަށާއި ބޮޑު މުސާރަދީފަ އެމެންބަރުން ތިއްބަވަނީ އެކަން ކުރައްވާނެތީ ކަމަށް އެބަޔާނުގައިވެ އެވެ.
އެކޮމިޝަނުން ބޭނުންވާ އެސިސްޓަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ދެކެވަޑައިގެން އެސިސްޓަމް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. މީގެއިތުރުން ބައިނަލް އަގުވާވީ އެކިއެކި ޖަމިއްޔާތަކާއި ބޭރުގެ އެކިއެކި އެމްބަސީތަކުގައާ ޖީއެމްއާރުގައި ވެސް އެދިވަޑައިގެން ކަމަށްވެސް ބަދުރު ވިދާޅުވި އެވެ.
އެކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރެއްވުމަށް އެކޮމިޝަނުން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގެ އިންތިޒާމެއް ހަމަޖެހިފައިނުވާކަން ބަދުރު ވަނީ ފާހަގަކުރައްވާފަ އެވެ.
އެ ކޮމިޝަންގެ ގުނަންތައް އަދިވެސް ފުރިހަމަ ވެފައެއް ނުވާކަން އެބަޔާނުގައިވެ އެވެ. އެގޮތުން ޓެކްނިކަލް ޑިޕާޓްމަންޓާއި ހިޔުމަން ރިސޯސަސް ޑިޕާޓްމަންޓް އެކުލަވާލެވިފައެއް ނުވެ އެވެ. ބަޖެޓްގެ ތާށިކަމުން ތަނަށް ބޭނުންވާ މުވައްޒަފުން އަދިވެސް ހަމައެއް ނުވެ އެވެ. ވަރަށް މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރަމުން ގޮސް ކިރިޔާ އެކަށީގެންވާ ވަރަށް މުވައްޒަފުން ހަމަޖައްސަވައިދެއްވީ ހާއްސަ ހާލަތެއްގެ ދަށުން މިހާރުގެ ފިނޭންސް މިނިސްޓަރު ކަމަށް ވިދާޅުވެފައިވެ އެވެ.
އެކޮމިޝަންގެ ރައީސްގެ އެބަޔާނުގައި ވިދާޅުވެފައިވަނީ ކ.ކާށިދޫގައި ފުލުހަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން ދައުލަތުގެ އިސް ބޭބޭފުޅުން މީޑިއާތައް މެދުވެރިކުރައްވާ އެކަމަކީ އެކޮމިޝަނުން ޒިންމާ އުފުލަންޖެހޭ ވަރަށް ޒިންމާއަދާނުކުރުމުން ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވާން ފެއްޓެވުމާ ގުޅިގެން ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ނޭނގި ތިބި ރައްޔިތުންގެ ރުޅިވެރިކަމާ ނަފްރަތުގެ ވެސް އެކޮމިޝަނަށް އަމާޒުވެފައިވާ ކަމަށެވެ.
މީގެއިތުރުން ކޮމިޝަންގެ ރައީސަށް ކާރުކޮޅެއް އޮންނަންވާނެ ކަމަށް މަޖިލިހުން ފާސްކޮށްފައިވާ އިނާޔަތްތަކުގެ ތެރޭގައި އޮތް ނަމަވެސް އެފަދަ އިނާޔަތެއް ފަނަރަ މަސް ފާއިތުވެގެންދިޔައިރު ވެސް އެ ކޮމިޝަންގެ ރައީސަކަށް ލިބިފައެއް ނުވާކަމާއި އެފައިސާ ވެސް ބަޖެޓްގައި ހިމަނާފައިވެސް ނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ބްރޯޑްކާސްޓަރުން ރެގިޔުލޭޓް ކުރުމަށްޓަކައި އެކޮމިޝަން ސާދަ މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި ވަރަށް ގިނަ މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށާއި އެހުރިހާ މަސައްކަތެއް ވެސް ކޮމިޝަނުން ކޮށްފައިވަނީ ރާއްޖޭގައި މިވަގުތު ތިބި ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ފަންނީ މަޝްވަރާތަކަށްފަހު ކަން ބަދުރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ބްރޯޑްކާސްޓިން ސްޓޭޝަނެއް މިހާތަނަށް ބަންދުކުރަން ނޭންގި ނަމަވެސް ވަރަށް ގިނަ ތަންތަނާ ދޭތެރޭ ފިޔަވަޅު އަޅައި ކަންކަން އިސްލާހު ކުރުމަށް އަންގާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.
" އަޅުގަނޑުގެ އަމިއްލަ ތަޖްރިބާގެ މައްޗަށް ބުރަވެ ހެޔޮހިތުން ގަބޫލުކުރާ ގޮތުގައި މީޑިއާ ދައުލަތުގެ ހަތަރު ވަނަ ބާރަށް ވުރެ ވެސް ބާރުގަދަ ބާރެކެވެ. މިއަދުގެ ސިޔާސީ މާހާއުލުގައި ހަމަ އެ ގަދަފަދަ ބާރުގެ ބޭނުން ކޮށްގެން ގައުމާއި ރައްޔިތުން ހަލާކުވެގެން މިދަނީ މީޑިއާގެ ބާރާއި މީޑިއާގެ ރެގިޔުލޭޓަރެއްގެ މަސައްކަތުގެ މުހިންމުކަން އެގެންޖެހޭ މަސްއޫލު ފަރާތްކަށް ނޭގި ނުވަތަ އެނގިގެން ނަމަވެސް އަޅާލުން ކުޑަވުމުގެ ސަބަބުންކަން ވިސްނުމުން މިދާއިރާގެ ކުރިމަގާ ދޭތެރޭ ހާސްވެ އެވެ،"