26 May 2025, 09:05
އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީގެ ކެރިއަރު ހަލާކުކޮށްލަން ބަޔަކު މީހުން ކެމްޕޭނެއް ކުރިއަށްގެންދާ ކަމަށާއި އެކަން ނުހުއްޓައިފިނަމަ އެ މީހުންނަށް ރަނގަޅު ފިލާވަޅެއް ދޭނެ ކަމުގެ އިންޒާރު ސުނިލް ޝެޓީ ދީފިއެވެ.
ފިލްމު "ތަޅަޕް"އިން ބޮލީވުޑަށް ތައާރަފްވި އަހާނާ ދެކޮޅަށް ފިލްމު އިންޑަސްޓްރީގެ ބަޔަކު ކެމްޕޭނެއް ފެށީ އެ މީހުންގެ ފިލްމަށް އިސްކަންނުދީ އަހާން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ބޯޑާ 2"އަށް ސޮއިކުރުމުން ކަމަށް ސުނިލް ވަނީ ބުނެފައެވެ.
މިއީ ހަމައެކަނި އަހާންއަށް ކުރިމަތިވަމުން އަންނަ ކަމެއް ނޫން ކަމަށާއި އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެހެން 'ސްޓާ ކިޑްސް'އަށް އަމާޒުކޮށް ވެސް މިފަދަ ކެމްޕޭންތައް ކުރިއަށްގެންދާ ކަމަށް ސުނިލް ވަނީ ބުނެފައެވެ.
ފިލްމު "ބޯޑާ 2"އަށް އަހާން ސޮއިކުރުމުން ބައެއް ފިލްމު ޕްރޮޑިއުސަރުން ވަނީ އެ ފިލްމު ދޫކޮށްލުމަށް އަހާންއަށް ނަސޭހަތްތެރިވެފައި ކަމަށް ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ސުނިލް ވަނީ ބުނެފައެވެ.

އަހާން ޝެޓީ އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/ހިންދުސްތާން ޓައިމްސް
ނަމަވެސް ފިލްމު "ބޯޑާ" އަކީ އަހާންއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި "ބޯޑާ 2"ގައި އަހާންއަށް ލިބުނީ އޭނާގެ ހުވަފެނީ ރޯލެއް ކަމަށް ސުނިލް ވަނީ ބުނެފައެވެ. ފިލްމު "ބޯޑާ 2"އަށް އަހާން ސޮއިކުރުމުން ބަޔަކު މީހުން އަހާންއާ ދެކޮޅަށް ހިންގި ކެމްޕޭންގެ ސަބަބުން ގިނަ ފިލްމީ ފުރުސަތުތަކެއް ދަރިފުޅަށް ގެއްލުނު ކަމަށް ސުނިލް ވަނީ ބުނެފައެވެ.
އަހާންއާ ދެކޮޅަށް ވާހަކަ ދައްކަން މީހުންނަށް ފައިސާދީފައި ވެސް އެބަހުރި ކަމަށާއި އެ ހުރިހާ ކަމެއް ވެސް ސުނިލްއަށް އެނގޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށްގެންދާނަމަ އެ މީހުންގެ ވަނަވަރު ހާމަކޮށް ފަޟީހަތް ކުރާނެ ކަމަށާއި ސުނިލް އެކަމާ ދެކޮޅަށް ތެދުވެއްޖެނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ސުނިލް އަކީ ވެސް ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅެމުން އަންނަ މީހެއް ކަމަށާއި ދަރިފުޅު އަހާން ވެސް ބޮޑުކޮށްފައި ވަނީ އެގޮތުގައި ކަމަށް ސުނިލް ވަނީ ބުނެފައެވެ.
މިހާތަނަށް އެއްވެސް ޕްރޮޑިއުސަރެއްގެ ޚަރަދުގައި ސުނިލް ވެސް ދަރިފުޅު ވެސް އުޅެފައި ނުވާނެ ކަމަށާއި އެހެންކަމުން އަހާންއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ސުނިލް ވަނީ ގޮވާލާފައެވެ. އަހާންގެ ފިލްމު "ބޯޑާ 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރެވެ.