ރާއްޖެއާ ބެހޭ ގޮތުން އދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީން ނެރެފައިވާ ރިޕޯޓަކީ ކުރީގެ ސަރުކާރުން ރާވައިގެން ވަކި ގޮތަކަށް އެރިޕޯޓްގެ ނަތީޖާ ގެނައުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެ ރިޕޯޓަށް ފުރިހަމައަށް ޖަވާބުދާރީ ވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްޕާޝަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓަކީ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އަދި 2011 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއް ކަމަށެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއެއް ކަމުގައިވާ ކޮންވެންސަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (ސީސީޕީއާރު) ގައި ރާއްޖެއިން ބައިވެރިވެފައިވަނީ ރާއްޖެއިން ބައިވެރިވެފައިވާ އެހެން ހުރިހާ މުއާހަދާއެއްގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާ ގޮތަށް ރާއްޖޭގެ ގާނޫނާއި އިސްލާމްދީނާ ތައާރާޒުނުވާ ގޮތެއްގެ މަތިން އެ މުއާހަދާއެއް ރާއްޖޭގައި ތަންފީޒު ކުރުން ކަމުގައިވާއިރު އެނޫން ގޮތަކަށް އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ރާއްޖެއާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ރައީސް ނަޝީދުގެ ސަރުކާރުން ދިވެހި ދައުލަތުގެ ނަމުގައި ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ނެރެފައިވާ ނަތީޖާ އެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ އިން ރާއްޖެއާ ބެހޭ ގޮތުން އެފަދަ ބަޔާނެއް މީގެ ކުރިން ނެރެފައިނުވާއިރު އެފަދަ ބަޔާނެއް ނެރުމަކީ ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި އެކަން މިސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މުއާހަދާގެ ދަށުން ރާއްޖެއިން މިއަހަރު ހުށަހަޅަން ޖެހޭ ރިޕޯޓްގައި އދ އިން ފާހަގަކޮށްފައިވާ ކަންކަން ވަރަށް ރަނގަޅަށް ސާފުކޮށްދޭނެ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

އދ އިން ނެރެފައިވާ އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ތިން ކަމެއް ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކަމާ ކަންބޮޑުވާ ކަމާއި 2008 ގެ ކުރިން ހިނގާފައިވާ ކަންތައްތައް ބަލައި ކޮމިޝަނެއް އެކުލަވާލުމާއި އެކިއެކި ޖިންސުގެ މިނިވަންކަން ދިނުމަށް ބާރުއަޅާ އެކަންކަމުގެ މިނިވަންކަން ނެތުމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"މިރިޕޯޓްގެ ޖަވާބު ސަރުކާރުން ވަރަށް ރަނގަޅަށް އދ އަށް ދޭނެ، އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އޮތް ގޮތާއި ރާއްޖޭގައި ކުރެވޭނެ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައް ވެސް ހާމަކޮށްދޭނަން، ޔޫއެން އަކީ އެއްވެސް ހާލަތެއްގައި ގައުމުތަކަށް ކަންކަން ތަންފީޒުކުރަން ބާރުއަޅައި އެގައުމުތަކުން ނޭދޭ ގޮތަކަށް ކަންކަން ކުރާ ބައެއް ނޫން، މިއީ ކުރީގެ ސަރުކާރުން އދ ގެ ވިސްނުން ވަކިގޮތަކަށް ނެރުމަށްޓަކައި ރާވައިގެން ހުށަހެޅި ރިޕޯޓެއްގެ ނަތީޖާ،" އައްބާސް ވިދާޅުވި އެވެ.

އދ އިން ނެރެފައިވާ އެ ރިޕޯޓްގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު އުވާލުމަށް ވެސް ވަނީ އެކޮމިޓީން ގޮވާލައިފަ އެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަން ކަމާ މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.