29 Jul 2012, 12:13
ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން މައްސަލައާ ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާގެ މުއާވިން އާއި ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކާއި ހއ. މޮޅަދޫ އޮފީހުގެ ކުރީގެ ކަތީބާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މިމަހުގެ 15 ވަނަ ދުވަހު ޕީޖީއަށް ފޮނުވި މައްސަލައިގައި ދައުވާ ކުރަނީ އަތޮޅުވެރިޔާގެ މުއާވިން، މުހައްމަދު ނަސީރާއި އޭރުގެ ޕްރޮވިންސް އޮފީހުގެ ކޯޑިނޭޓާ އަލީ ނަސީރު އާދަމާއި އަދި މޮޅަދޫ އޮފީހުގެ އޭރުގެ ކަތީބު މުހައްމަދު ސަމީރާއި މަތިއުތުރު ޕްރޮވިންސް އޮފީހުގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނައިފްގެ މައްޗަށް ކަމަށެވެ.
މި އެންމެންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މަސައްކަތް ހަވާލުކުރި މައްސަލައިގައެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށްވާތީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އޭސީސީން ބުނީ އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ތަފާތު އަގުތަކެއް ހުށަހަޅާފައިވާ ފަރާތްތަކަށް އެއްވަރަކަށް ޕޮއިންޓްދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރިއިރު، އެ ބިޑްތަކަށް ޕޮއިންޓްދީފައިވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި އިއުލާނާއި ގުޅިގެން މައުލޫމާތު ދިނީ ކަނޑައަޅާ ހާމަކޮށްފައި އޮތް މިންގަނޑެއް ނޫން ކަމަށާއި މާކްސްދިން މިންގަނޑަކީ ޢިޢުލާން ގުޅިގެން ބިޑްތައް ހުށަހެޅިފަހުން ތައްޔާރުކޮށްފައިވާ މިންގަނޑެއް ކަމަށެވެ.
މާކްސް ދިނުމުގައި ތަފާތު އަގުތަކެއް ހުށަހަޅާފައިވާ ތިން ފަރާތަކަށް އެއްވަރަށް ޕޮއިންޓްދީފައިވާއިރު، އެތިން ފަރާތުން ހުށަހަޅާފައިވާ އަގުގައި 2،000ރ. ގެ ފަރަގެއް އުޅޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. އަދި ބިޑްތަކަށް ޕޮއިންޓް ދިނުމުގައި "ޖަމާޢަތުގެ" ބަޔަށް 10 ޕޮއިންޓް ކަނޑައާޅާފައިވާއިރު، އެ ބަޔަށް ޕޮއިންޓް ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކަމަށް ވާތީ އާއި ބިޑްތަކަށް ޕޮއިންޓްދިނުމުގައި "ކަމަށް އެކަށޭނަ މިންވަރުގެ" ބަޔަށް ހުރިހާ ފަރާތްތަކަށް 13 ޕޮއިންޓް ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުން ނޫން ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އަދި އެދެ ބަޔަށް ވެސް ހުރިހާ ފަރާތްތަކުން ހުށަހަޅާފައި ހުރީ ދާދި އެއް ބާވަތެއްގެ ލިޔުންތަކެއް ކަމަށް ވީނަމަވެސް އެދެބަޔަށް ވަކި ފަރާތަކަށް ޕޮއިންޓް އިތުރަށް ދީފައިވަނީ ކޮން ސަބަބާކާ ހުރެ ކަމެއް އެންގެން ނެތުމުންނާއި، އެ ބިޑްތަކަށް މާކްސް ދިނުމުގައި ވަކި ފަރާތަކަށް އިސްކަންދީފައިވާކަން ތުހުމަތު ކުރެވޭ ކަމަށެވެ.