29 Jul 2012, 11:43
އިންޑިޔާގައި އަންނަމަހު ބާއްވާ ނެހުރޫ ކަޕުގައި ރާއްޖެ ބައިވެރިކުރަން އެންމެ ފަހު ވަގުތު އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މުބާރާތް ކުޅެން އެއްބަސްވެ، އެންމެ ފަހުވަގުތު ސީނިއާ ޓީމު ފޮނުވެން ނެތްކަމަށް ޖޯޑަން އިން އެންގުމުގެ އިތުރަށް ޕިލިޕީންސް އާއި ނައިޖީރިއާ ބައިވެރިނުވާން ނިންމުމުންނެވެ. ޖޯޑަންއިން ނެހުރޫ ކަޕަށް ފޮނުވަން ފަހުން ނިންމީ އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމެވެ.
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް މިއަދު ވިދާޅުވީ ރާއްޖެއިން ނެހުރޫ ކަޕުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ލިޔުމުން ދީފައިވާނެ ކަމަށެވެ.
އަންނަ މަހުގެ 23 އިން ސެޕްޓެމްބަރު 3 އަށް ކުރިއަށްދާ މުބާރާތުގައި ކުޅޭނީ ރާއްޖެ އާއި ކެންޔާ އަދި ކެމަރޫނާއި ސީރިއާ އަދި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން އިންޑިޔާ އެވެ.
މި ފަސް ގައުމުގެ ތެރެއިން ސީރިއާ ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ވެސް ކުޅެފައިވާ ކެމަރޫނުން މުބާރާތަށް ފޮނުވާނީ މުޅިން ވެސް އެފްރިކާގެ ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނެވެ.