ތިން މަހަށް އެފްއޭއެމުން ސަސްޕެންޑްކުރި ވިކްޓަރީގެ ކޯޗު އަލީ ސުޒޭންގެ ސަސްޕެންޝަން ނިމުމުން އޭނާއާއެކު ވިކްޓަރީ މިރޭ ވީބީއާ ދެކޮޅަށް ދިރާގު ދިވެހި ލީގުގައި ވަރުގަދަ މެޗަކަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

މި މެޗަށް ނުކުންނައިރު ވިކްޓަރީ އޮތީ އަށް ޓީމު ވާދަ ކުރާ ލީގުގެ ދެ ވަނާގަ އެވެ. ވިކްޓަރީ އަށް 21 ޕޮއިންޓް ލިބިފައިވާއިރު މިރޭގެ މެޗުން މޮޅުވެގެން ވީބީ އަށް ވިކްޓަރީއާ އަރާ ހަމަކުރެވޭނެ އެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ވީބީ އަށް މިހާތަނަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުންނައިރު ވީބީގެ ޓީމުން ހޮލެންޑްގެ އިތުރު މިޑްފީލަޑަރަކު ފެނިގެންދާނެ އެވެ. މި މަހުގެ ތެރޭގައި ޓީމާ ގުޅުނު މިޑްފީލްޑަރުގެ އިތުރުން ވީބީގައި ދެން ތިބީ ފާއިތުވެދިޔަ ދެ އަހަރު ކުޅުނު ހޮލެންޑްގެ މިޑްފީލްޑަރު ސެންގިޒް ހުސައިން އާއި ސިއަރަލިއޯނުގެ އަބޫ ޑެސްމަންޑް މަންސާރީ އެވެ.

ސުޒޭން ނެތުމުން ވިކްޓަރީގެ ކޯޗަކަށް މިހާތަނަށް މަސައްކަތްކުރަމުން އައީ އޭނާގެ ކޮއްކޮ އަދި އެސިސްޓެންޓް ކޯޗު މުހައްމަދު ނަޒީހު އެވެ. އޭނާ އަކީ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ވިކްޓަރީ އަށް ހޯދައިދިން ޒުވާން ކޯޗެކެވެ.