ޅ.ކުރެންދޫގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ، ކުރެންދޫ ޑިވެލޮޕްމަންޓް ކުލަބް (ކޭޑީސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ރަމަޝާން ފުޓްސަަލް މުބާރާތް ފަށައިފި އެވެ.

ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ އަށް ޓީމް ވަނީ ބައިވެރިވެފައެވެ. މިމުބާރާތަކީ ކޭޑީސީން ކުރެންދޫގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޖަމްއިއްޔާގެ އިސް އޮފޝަލަކު ސަން މީޑިއާ ގްރޫޕްގެ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މިމުބާރާތަކީ ކުރެންދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިކުރުމުގެ ގޮތުން ކޭޑީސީން އިސްނަގައިގެން ބާއްވަން ފެށި ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމުގައި ކުރެންދޫ ކައުންސިލް އިދާރާގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.