16:11


ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކުރި މުޒާހަރާއާ ގުޅުގިން ހައްޔަރުކުރި 19 މީހުން ފަސް ދުވަސް ވަންދެން މާލޭން ބޭރަށް ނުދިއުމަށް ޝަރުތުކޮށް އެމީހުން ހައްޔަރުން ދޫކޮށްލައިފި އެވެ.


 ކުރުނބާގެ މުޒާހަރާގައި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ބިރުދައްކައި އިތުރު ހަމަނުޖެހުންތައް ހިންގާ ކަމުގެ ތުހުމަތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިދިއަ ހޯމަ ދުވަހު ހަވީރު ފުލުހުން ހައްޔަރުކުރި 19 މީހުން ޖިނާއީ ކޯޓުން ދޫކޮށްލީ އިއްޔެ މެންދުރު އެވެ.


ކުރުނބާ އިން ހައްޔަރުކުރި 19 މީހުންނަށް ޝަރުތު ކަނޑައަޅައި ދޫކޮށްލި ކަމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް މިއަދު ސަންއެފްއެމް އޮންލައިނަށް ކަށަވަރުކޮށްދެއްވި އެވެ.  


 ފުލުހުން ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިޔަ 19 މީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން މިއަދު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި އެމީހުންގެ ބަންދު މުއްދަތު އިތުރު ކުރަން އިއްޔެ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު އިތުރު ކުރާނެ ޖާގައެއް ނެތް ކަމަށް ކަނޑައަޅައި ދޫކޮށްލީ އެވެ.


 ނަމަވެސް 19 މީހުން މިނިވަންކުރީ ފަސް ދުވަސް ވަންދެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފިޔަވައި އެއްވެސް ތަނަކަށް ނުދިއުމަށް ޝަރުތުކޮށްފައި ކަމަށް ވެސް އެމީހުން ބުންޏެވެ.


"ކޯޓުން ބުނީ މާލޭން ބޭރަށް ގޮސްގެން ނުވާނެއޭ. އަޅުގަނޑުމެން ފަސް ދުވަސް ވަންދެން މާލޭގައި ބައިތިއްބަނީ ކުރުނބާ އަށް ގޮސްފިއްޔާ މަސްލަހަތު ގޯސްވެދާނެތީ ކަމަށް ވިދާޅުވީ. ކޮންމެ ދުވަހަކު ޖިނާއީ ކޯޓަށް ސޮއިކުރަން ދާންޖެހޭ" ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.


ކުރުނބާގެ މުޒާހާރާއާ ގުޅިގެނެ ރިސޯޓުން ޓޫރިސްޓުން ފައިބައި މިހާރު ވަނީ ވަގުތީ ގޮތުން ރަށް ހުއްޓުމަކަށް އައިސްފަ އެވެ.