ޓެލްއަވީވް (ޖުލައި 29): އިސްރާއީލާއެކު އެމެރިކާއިން ބާއްވާ ދިފާއީ އަދި ސަލާމަތީ ގުޅުންތައް އިތުރަށް ބަދހިކޮށް ހަރުދަނާ ކުރަން ގަސްދުކުރައްވާކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޢްލާންކުރެއްވުމުން އިސްރާއީލުން އެކަމަށް މަރްޙަބާ ކިޔައިފިއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ސޮއިކުރައްވައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާއެކު އެމެރިކާއިން ބާއްވާ ދިފާޢީ އަދި ސަލާމަތީ ގުޅުންތައް އިތުރަށް ބަދހިކޮށް ހަރުދަނާ ކުރުމާބެހޭ ޤާނޫނެއްގައި އޮބާމާ ސޮއިކުރައްވައި އެ ޤާނޫނު ތަސްދީޤު ކުރެއްވުމަކީ ކޮންގްރެސްއާއި އެމެރިކާގެ ސަރުކާރުން އިސްރާއީލު ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށާއި އިސްރާއީލުގެ އަންމާއި ރައްކާތެރިކަމަށް ދެމުންގެންދާ އެހީތެރިކަން އިތުރަށް ހާމަކޮށްދޭ ކަމެއްކަމަށާ މިކަމާމެދު އިސްރާއީލު އުފާކުރާ ކަމުގައެވެ.

އިސްރާއީލަށް ސަޕޯޓްކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ޖަމާއަތްތަކުގެ ބާރާއި ނުފޫޒުގެ ދަށުގައިވާ އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް އޮބާމާ ތަސްދީޤު ކުރެއްވި މިޤާނޫނުގައި އެމެރިކާއިން ކޮންމެ އަހަރަކު އިސްރާއީލަށްދޭ ޢަސްކަރީ އެހީއަށް 70 މިލިޔަން ޑޮލަރު އިތުރު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. އެމެރިކާއިން އަހަރެއްގެ މއްޗަށް ހަތަރު ބިލިޔަނެއްހާ ޑޮލަރުގެ ޢަސްކަރީ ހިލޭއެހީ އިސްރާއީލަށް ފޯރުކޮށްދެއެވެ.

މިޤާނޫނުގައި އޮބާމާ ސޮއިކުރެއްވީ އެމެރިކާގެ ސިޔާސީ އަދި އިޤްތިސާދީ ދާއިރާތަކަށް ބާރާއި ނުފޫޒު ފޯރުވަމުންދާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ޖަމާއަތްތަކުގެ މަންދޫބުންގެ ޙާޒިރުގައި ވައިޓް ހައުސްގައެވެ. އެހެންކަމުން މިއީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ތާއީދު ހޯދުމަށް އޮބާމާ ހިންގަވާ ކޭންޕޭންގެތެރޭގައި ހިމެނޭކަމެއްކަމަށް މީޑިޔާ ރިޕޯޓްތަކުން ސިފަކުރެއެވެ.

މި ޤާނޫނުގައި ސޮއިކުރެއްވުމަށްފަހު އޮބާމާވަނީ ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އަނިޔާވެރި އިސްތިޢްމާރީ ސިޔާސަތުތަކަށް ލޯ މަރާލެއްވުމަށްފަހު އިސްރާއީލަށް ތާރީފުކުރައްވައި އިސްރާއީލާއި ޔަހޫދީ ހަރުކަށި ޖަމާއަތްތަކުގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅުހަދައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމުގެ އިސްތިޢްމާރީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގައި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާއިރު މި އަނިޔާވެރި ޢަމަލުތަކުގައި އިސްރާއީލަށް އެންމެ ވާގިވެރިވާ ޤައުމަކީ އެމެރިކާއެވެ. -- ނޫސްއެޖެންސީތައް