އިސްލާމްދީން ތަރުޙީބު ދެނީ ކޮންމެ ކަމެއްގައިވެސް މެދު މިންވަރަށެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، ހިތްވަރުގަދަކަމަކީ ފިނޑިކަމުން އެއްކިބާވުމާއި، މާބޮޑަށް ޖެހިލުން ކުޑަކޮށްލައި ތިމާ އަމިއްލަޔަށް ހަލާކުގެ ތެރެއަށް ވެއްޓިގަތުމާ ދެމެދެވެ. ހަމައެފަދައިން ދީލަތިކަމަކީ ބަޚީލުވުމާއި، ބޭކާރު އިސްރާފު ކުރުމާ ދެމެދުގައިވާ މަގެވެ. މިކަން ވިސްނައިގަތުމަށްޓަކައި އިލާހީ އިރުޝާދަށް ރުޖޫޢަވާއިރު، އަރަހުށި މާތްﷲ އަންގަވާފައި ވަނީ އަޅުގަނޑުމެންގެ އަތްތަކަކީ ކަނދުރާއާ އެކު ކަސްތޮޅު އެޅިފައިވާ އެއްޗަކަށް ނެހެދުމަށެވެ. ހަމައެފަދައިން އަޅުގަނޑުމެންގެ އަތްތައް މުޅީން ހުޅުވައިލައި ފަތުރައިވެސް ނުއުޅުމަށެވެ. އެހެން ހަދައިފިނަމަ މަލާމާތް ލިބި، ހިތާމަކުރާ ޙާލުގައި ތިބޭން ޖެހިދާނެ ކަމަށެވެ.

އަރަހުށި މާތްﷲ އިރްޝާދު ދެއްވަނީ އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެއް ކަމުގައެވެ. އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެއް ކަމުގައި ލައްވައިފައިވާ އުންމަތެކޭ ބުނެވޭ ބަހުގެ މާނައަކީ ވަރަށްވެސް ފުޅާ މާނައެކެވެ. އޭގެ މާނައަކީ އިސްލާމީ އުސޫލުތައް ނުހިފަހައްޓާ ވާހަކައެއް ނޫނެވެ. ޙައްދުތައް ޤާއިމުނުކުރާ ވާހަކައެއް ނޫނެވެ. "ބަޔަކު އެޅިހާ ބަތަކަށް ރިހައަޅާ" ވާހަކައެއްވެސް ނޫނެވެ. އެބަސްފުޅުގެ މާނައަކީ އިސްލާމީ އުންމަތަކީ ހަމަތަކުގެ މަތީގައި، ޢަދުލު އިންޞާފުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެން ޖެހޭ އުންމަތެއް ކަމެވެ. ދުނިޔޭގެ އުންމަތްތަކުގެ މެދުގައި ރިޔާސީ ޙައިޘިއްޔަތެއްގައި ދެމިއޮތުމަށްޓަކައެވެ. ޙައްޤާއި އިންޞާފާއި ތެދުވެރިކަމުގެ ބިންގަލުގެ މަތީގައި އެންމެނާވެސް އެއް ހަމަޔަކުން މުޢާމަލާކުރާ ބަޔަކު ކަމުގައި ވުމަށެވެ. ޞައްޙަ ފިކުރަކާއި، ޞާލިޙު ޢަމަލުތަކާއި، ތިލަފަތް ހަމަ ޢަދުލުގެ ނިޒާމެއްގައި ހިފަހައްޓައިގެން ތިބި ބަޔަކު ކަމުގައި ވުމެވެ.

އިސްލާމްދީން އިސްލާމީ އުންމަތަށް އިރްޝާދު ދެނީ އިންސާނިއްޔަތަށް ހެޔޮއެދޭ ބަޔަކަށް ވުމަށެވެ. ޔަތީމުންގެ ބަލަދުވެރީން ކަމުގައި ވުމަށެވެ. މަސައްކަތްތެރީންނަށް އެބައިމީހުންގެ ފުރިހަމަ ޙައްޤު ލިބިދިނުމަށެވެ. ފަޤީރުންނާއި، ބަލިކަށި ނިކަމެތީންނާ މެދު ހަމްދަރުދީވެ އޯގާވެރި ވުމަށެވެ. އެބައިމީހުންގެ ޖަޒުބާތުތަކާއި އިޙުސާސުތަކަށް ފަރުވާ ބެހެއްޓުމަށެވެ. އެފަދަ މީހުނާ މެދު ހަރުކަށި ނުވުމަށެވެ. އޭގެ ތެރެއިން ތިމާގެ ކުރިމައްޗަށް އަތް ދިއްކޮށްލާ މީހާގެ މޫނުމަތީގައި ނުރުހުމުގެ ބަހެއް ބުނެ އެފަދަ ކުލަވަރެއް ނުދެއްކުމަށެވެ. ހަމައެކަނި އިންސާނުންނާ މެދަކު ނޫނެވެ. ވަލުޖަނަވާރާއި ދޫނިސޫފާސޫތްޕާ މެދުވެސް އޯގާވެރިވެ ރަޙުމު ކުރުމަށެވެ.