މިއަދު މެންދުރު 12:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށްވެސް ޗިޓް ފޮނުވައިފި އެވެ.

މަހުލޫފު ވިދާޅުވީ އޭނާ އާއި ޗިޓުހަވާލުކުރުމަށް މީގެ ތިންދުވަސް ކުރިން ކުރިމިނަލް ކޯޓުން މަސައްކަތްކުރިނަމަވެސް އޭނާ އާއި ޗިޓް ހަވާލުކުރެވޭ ގޮތް ނުވީ އޭނާ ރަށުން ބޭރުގައި އުޅުއްވުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު ކުރިމިނަލް ކޯޓަށް ހާޒިރުވުމަށް މީގެ ތިންދުވަސްކުރިން ޗިޓް ފޮނުވިނަމަވެސް އަޅުގަނޑު ރަށުގައި ނެތުމުގެ ސަބަބުން ޗިޓު އަނބުރާ ގެންދިއަ ވާހަކަ ދެންނެވިން،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗިޓް ހަވާލުކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި މައްސަލައެއްގައި ކަމަށެވެ.

މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެސް މިއަދުމެންދުރު 12:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފަ އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ މުލީއާގޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އެތަނުގައި ތިބި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިވާގޮތަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ދައުވާއެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ސަންއޮންލައިނަށް އެނގިފައިވާގޮތުގައި ސިވިލްސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަ ކުރި މައްސަލައަކާއި ގުޅިގެން އެމްޑީޕީގެ ދެ އެކްޓިވިސްޓެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ވެސް އެ ދުވަހު ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މއ. ކުޑަދުންމާރިގޭ، މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމްގެ މައްޗަށެވެ.