22 May 2025, 13:36
ޔުއޭފާއިން އިންތިޒާމް ކޮށްގެން ބާއްވާ ދެވަނައަށް އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓްނަމް ހޮޓްސްޕާ އިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ސްޕާސްއިން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލްގައި އަމިއްލަ ލީގަށް ނިސްބަތްވާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުންނެވެ.
ސްޕެއިންގެ ބިލްބާއޯގެ ސެން މެމޭސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިއާއެކުވެސް ސްޕާސްގެ ޑިފެންސް ފޫއަޅުވާލުމުގައި ޔުނައިޓެޑަށް ކުރި ލިބިގެންދާގޮތެއް ނުވިއެވެ.
މި މެޗުގައި ޔުނައިޓެޑުން ހަމަލާއަށް އިސްކަންދީގެން ކުޅުނު ތަން ފެނިގެންދިޔައިރު ސްޕާސް ފެނިގެންދިޔައީ ބޮޑަށް ޑިފެންޑްކޮށް ލިބޭ ފުރުސަތު ތަކުގައި ހަމަލާއަށް އިސްކަންދިނުމަށެވެ. މި މެޗުގައި ޔުނައިޓެޑުން ހަމަލާއަށް އިސްކަން ދީގެން ކުޅުނު ނަމަވެސް އެ ޓީމުން ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިގެން ދިޔަތަނެއް ފެނިގެނެއް ނުދިޔައެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ ސްޕާސްއަށް އެ ޓީމުގެ ޑިފެންޑް ކުރުމުގައިވެސް މާބޮޑު އުނދަގޫ ތަކަކާ ކުރިމަތިވެގެން ނުދިއުމެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހާ ސްޕާސްއަށް ލީޑު ނަގައިދިނީ ބްރެނަން ޖޯންސަންއެވެ. ނަމަވެސް މިއީ ޖޯންސަން ޖެހި ލަނޑެއްތޯ ނުވަތަ ޔުނައިޓެޑްގެ ލޫކް ޝޯ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެއްތޯ އާ މެދުވަނީ ސުވާލު އުފެދިފައެވެ. މި ލަނޑާއެކު ސްޕާސްގެ ސަޕޯޓަރުން އުފާފާޅުކުރިއިރު ޔުނައިޓެޑަށް ލިބިގެންދިޔަ މާޔޫސްކަން އިތުރު ވެގެންދިޔައެވެ.
މި ކާމިޔާބީއާއެކު ސްޕާސްއިން މި ވަނީ 17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތަށްޓެއް ކާމިޔާބު ކޮށްފައެވެ. މި ކާމިޔާބީ އާއެކު ސްޕާސްގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ މިވަނީ އޭނާ ކޯޗު ކޮށްދޭ ކޮންމެ ޓީމެއްގައި ވެސް ދެވަނަ ސީޒަންގައި ތަށްޓެއް ކާމިޔާބު ކޮށްދޭ ދިނުން ދަމަހައްޓާ އޭނާގެ ވައުދުވެސް ފުރިހަމަ ކޮށްދީފައެވެ. މިމެޗު ވެގެންދިޔައީ އޭނާ ސްޕާސްގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވި 100 ވަނަ މެޗަށެވެ.
ޕޮސްޓެކޮގްލޫ ވަނީ އޭނާ މީގެ ކުރިން ކޯޗު ކޮށްދިން ހުރިހާ ޓީމެއްގައިވެސް މަގާމާއި ހަވާލުވިތާ ދެވަނަ ސީޒަންގައި އެ ޓީމަށް ތަށްޓެއް ކާމިޔާބު ކޮށްދީފައެވެ.
މި ކާމިޔާބީ އާއެކު ސްޕާސްއަށް މިހާރު މި ވަނީ މި އަންނަ ސީޒަންގެ ޔުއޭފާ ޗެމްޕިއަންސް ލީގުން ވެސް ޖާގައެއް ކަށަވަރު ވެގެން ގޮސްފައެވެ. ސްޕާސް ވެގެންދާނީ އެ މުބާރާތުގައި ވާދަކުރާ ލީގުގެ ކުޅުމަށް ބަލާއިރު އެންމެ ދަށް މަގާމެއްގައި އޮވެ ޖާގަ ހޯދި ޓީމަށެވެ. ސްޕާސް ޕްރިމިއާ ލީގުގައި މިހާރު އުޅެނީ ތާވަލްގެ 17 ވަނައިގައެވެ. ޔުނައިޓަޑަށް ބަލާއިރު އެ ޓީމަށް މިނާކާމިޔާބީގެ ސަބަބުން މިއަންނަ ސީޒަންގައި ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަކުރުމަށް އޮތް ފުރުސަތު މިވަނީ ބަންދު ވެގެން ގޮސްފައެވެ. އެއީ އެ ޓީމަށްވެސް ލީގުގައި މާރަނގަޅު ކުޅުމެއް ދެއްކެމުން ނުދިއުމެވެ.