29 Jul 2012, 10:23
ފެބްރުއަރީ ހަތަކަށް ފަހު ވެސް މުޅި ރާއްޖެ ފެންނަނީ ސިޔާސީ ގަދަ ކަނޑެއްގައިދާ ތަނެވެ. ނުތަނަވަސް ކަމާއި ހަލަބޮލިކަން ކަނޑައިގެނެއް ނުދެ އެވެ. ރެއާއި ދުވާލު މަގުތައް މަތިން ފެންނަނީ އެއްވުންތަކާއި މުޒާހަރާތަކެވެ. އެކި ސިޔާސީ ވެރިން އެކި ހިޔާލު ފާޅުކުރައްވާ އެވެ. އެކަމަކު ރާއްޖެއަށް ފެތުރިފައިވާ ސިޔާސީ ނުތަނަވަސް ކަމަށް ފަރުވާއެއް ހޯދައިދިނުމަށް ލީޑަރުންނަށް ވަނީ ނުކުޅެދިފަ އެވެ. ސިޔާސީ ލީޑަރުންގެ މަޝްވަރާތަކަކީ ސިޔާސީ ހަލަބޮލިކަމުން ރާއްޖެ ސަލާމަތް ކުރަން އޮތް ހަމައެކަނި ފަރުވާ ކަމަށް އެކަން ވެސް އޮތީ ނުވެއެވެ.
އެހެން ގައުމުތަކާއި ޖަމާއަތްތައް ވެސް ރާއްޖެއަށް ގޮވާލަނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިންގެ މަޝްވަރާތައް ފެށުމަށެވެ. އެންމެ ފުރަތަމަ އެމެރިކާ އެވެ. އެއަށް ފަހު އިނގިރޭސީ ވިލާތެވެ. އޭގެ ފަހުން އެއަށް ފަހު އދ އާއި ކޮމަންވެލްތެވެ.
މަޝްވަރާކުރުމަކީ އެންމެންވެސް ގަބޫލުކުރާ ހައްލެވެ. ސިޔާސީ ޕާޓީތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާގެ ބެލުމުގެ ދަށުން ޕާޓީ މަޝްވަރާތައް ފެށުނީއްސުރެ އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ކަމުގައި ކާމިޔާބީއެއް ހޯދާށެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އައިމަން ރަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ނުވަތަނަވަސްކަން ފިލުވައިލުމަށް މިވަގުތު ބޭނުން ވަނީ ސިޔާސީ ވެރިންގެ މަޝްވަރާތައް ފެށުމެމެވެ. މަޝްވަރާތަކުން މި މައްސަލައަށް ހައްލު ހޯދޭނެ އެވެ.
"މަޝްވަރާ ކުރެވެންވީ އަވަހަށް،" އޭނާ ވިދާޅުވި އެވެ.
މަޝްވަރާތައް ފެށުމަށް ގޮވާލަމުން ދިޔައަސް އަދި ޕާޓީތަކާއި އިސްވެރިންގެ މެދުގައި ވެސް މަޝްވަރާތަކުގެ ވާހަކަ އޮތް ނަމަވެސް ފެންނަ މަންޒަރަކީ ސިޔާސީ ވެރިން އެކި އުޒުރުތައް ކުރިއަށް ނެރުމެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދާއެކު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވަނީ އެމްޑީޕީގެ މުޒާހަރާތައް ނުހުއްޓާނަމަ މަޝްވަރާގެ ބޭނުމެއް ނެތް ކަމަށެވެ. ރައީސް މުހަންމަދު ނަޝީދު ވިދާޅުވަނީ މަޝްވަރާއަށް ތައްޔާރު ކަމަށެވެ. މައުމޫނާއި ރައީސް ވަހީދުވެސް އެ ތިއްބެވީ ގޮތެއްގަ އެވެ.
ސިޔާސީ ވެރިން މަޝްވަރާކުރަން ބޭނުންވޭ ބާ އެވެ؟
އެމްޑީޕީގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވައި ރައްޔިތުން މަޖިލީހުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި ސިޔާސީ ހަމަނުޖެހުމަށް އޮތް ހައްލަކީ ސިޔާސީ މަޝްވަރާއެވެ. އެކަމަށް ރާއްޖޭގައި ހުރަސް އަޅުއްވަނީ ރައީސް މައުމޫނެވެ. ހާމިދު ދެކެވަޑައި ގަންނަވާ ގޮތުގައި މަޝްވަރާ ކުރުން ނޫންގ ޮތެއް ރާއްޖެއަށް މި ވަގުތު ނެތެވެ.
"ފުރަތަމަ ވިސްނަވަމާ ހިންގަވަމާ މިކަން މިދާގޮތް، ސިޔާސީ އިސްވެރިންގެ މަޝްވަރާތަކަށް ގޮވާލީމަ މައުމޫން މި ވިދާޅުވަނީ މަޝްވަރާއެއް ނުކުރާނަމޭ، މާފަށް އެދޭށޭ! އެހެންވީމަ ރައީސް ނަޝީދު މާފަށް އެދިވަޑައިގަތީ، އެދިވަޑައިގަތީމަވެސް މި ވިދާޅުވަނީ ނޫނެކޭ، ދެން މި ނިކުންނަނީ މުޒާހަރާއަށް، އެހެންވީމަ މިކަން ކުރަން ބޭނުން ނުވަނީ. އެކަމަކު މިކަހަލަ ސިޗްއޭޝަނެއް ދިމާވީމަ ގައުމަށް އޮންނާނީ މަޝްވަރާ ކުރުން،" ހާމިދު ވިދާޅުވި އެވެ.
ހާމިދު ވިދާޅުވާގޮތުން ރައީސް ނަޝީދު ހުންނެވީ އިހުލާސްތެރިކަމާ އެކު އެވެ. މަޝްވަރާއަށް ކޮންމެ ކަމެއްވެސް ކުރައްވަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށެވެ. އެމްޑީޕީ އިހުލާސްތެރި އެވެ. ހާމިދު އެހެން ވިދާޅުވާއިރު އުފެދޭ ސުވާލުތައް ވެސް އެބަހުއްޓެވެ.
ގައުމީ ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަމީން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އޮތް ހުރަހަކީ އެމްޑީޕީގެ އިހުލާސްތެރި ކަމެއް ނެތުމެވެ. އެމްޑީޕީން އިހުލާސްތެރި ކަމާއެކު ލީޑަރުންގެ ވާހަކަތަކަށް ގޮވާލާނަމަ ހަމަނުޖެހުން ބޮޑެތި މުޒާހަރާތަކުން ގައުމުގެ ހަމަޖެހުން ގެއްލުވައެއް ނުލާނެ އެވެ. އަމީން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދުގެ ބަހާއި އަމަލުތައް ހުންނަނީ ދިމާ އިދިކޮޅަށެވެ.
"މުޒާހަރާ ކުރުން މައްސަލައެއް ނެތް، އެކަމަކު ހަމަނުޖެހުން ހިންގާ، މަގުތަކުގެ އަމާންކަން ނަގާލައި، ފުލުހުންނަށް ހަމަލާދީ ހަދަން ގޮވާލުން މިއީ މައްސަލައަކީ، އެއް ދުވަހު ސުލްހައަށް ގޮވާލާއިރު އަނެއް ދުވަހު މަގުމަތީގައި ހަމަނުޖެހުން ހިންގީމަ މީގައި އޮތީ ކޮން އިހުލާސްތެރި ކަމެއް ތޯ، އިހުލާސްތެރިކަމެއް ނެތީމަ މިގޮތަށް ކަންތައް ކުރައްވާނީ، އިހުލާސްތެރިކަން މިކަމަށް ބޭނުން ވާނީ، އިހުލާސްތެރިކަމެއް ނޫން އެއީ،" އަމީން ވިދާޅުވި އެވެ.
ކޮމަންވެލްތާއި އެމެރިކާ އަދި ޔޫކޭންވެސް ސުލްހަވެރިކޮށް މުޒާހަރާ ކުރަން ރާއްޖެއަށް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެމްޑީޕީން މިހާރު ކުރާ މުޒާހަރާތައް ފެންނަނީ ސުލްހައިގެ ގޮޅިއަކަށް ނުފެތި ބޭރުވެފައިވާތަނެވެ.
ހާމިދު ވިދާޅުވާގޮތުން އެމްޑީޕީގެ މުޒާހަރާތަކުން ސުލްހައިގެ ވާހަކަތަކަށް ހުރަހެއް ނާޅަ އެވެ. އެމްޑީޕީން މުޒާހަރާ ކުރަނީ ގާނޫނުގެ ތެރެއިންނެވެ. އަދި އެމްޑީޕީން މުޒާހަރާ ކުރުމަކީ ސުލްހަޔަށް އެޅޭ ހުރަހެއް ނޫނެވެ. ސަރުކާރުން ބަހަނާ ދައްކައިގެން މައްސަލަތައް ދިގުދައްމަނީ އެވެ.
"ސުލްހަޔަށް ހުރަސް އެޅޭ ގޮތަކަށް މިޕާޓީން މުޒާހަރާއެއް ނުކުރޭ، އަދި މި ޕާޓީގެ މުޒާހަރާ ތައް ގާނޫނާ ހިލާފުގޮތަކަށް ކުރިއަކަށް ނުވެސްގެންދަން، އެއީ ހަމަ ހުސްބަހަނާ، [ރައީސް] ވަހީދަށް ވެސް ވެގެން އުޅޭ ގޮތަކީ ގޮތްހުސްވެގެން މި އުޅުއްވަނީ،" ހާމިދު ވިދާޅުވި އެވެ. "މައްސަލައަކީ މުޒާހަރާ ކުރުމެއްވެސް ނޫން ބަޔަކު ވަކިގޮތަކަށް ވަކި ކަމެއް ކުރަން ބޭނުން ވާކަން، މިއީ މައްސަލައަކީ، އެގޮތް ދޫކޮށްލީމަ ކަންކަން ހަމަޖެހޭނެ،"
ސުލްހައިގެ ވާހަކަތަކަށް އިސް ނެގީ ސަރުކާރުންނެވެ. އެއީ ކޮންމެ ނިޔަތެއްގައި ކަމަށް ވިޔަސް މަޝްވަރާގެ ޕްލެޓްފޯމަކަމަށް ސިޔާސީ ޕާޓީތަކަށް ޖާގަ ތަނަވަސް ކޮށްދިނީ ރައީސް ވަހީދު އިސްވެ ހުންނަވައިގެންނެވެ. ނަމަވެސް އެންމެ އިސްވެރިންގެ މަޝްވަރާތަކާއި ހިސާބަށް މައްސަލަ ދިޔުމުން ސަރުކާރަށް ވެސް ބަހަނާ ދައްކާ ފަހަތަށް ޖެހެވެނީ އެވެ.
ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވާ ގޮތުން އެމްޑީޕީގެ ހިންގާ ހަރަކާތްތައް ހުއްޓާނުލާނަމަ ރައީސް އެމްޑީޕީއާއެކު މަޝްވަރާތަކުގައި ބައިވެރިނުވާނެ އެވެ. އަދި ސަރުކާރާ އެކު ކޯލިޝަންވެފައިވާ ޕާޓީތަކުގެ ރޫހަކީވެސް އެއީ އެވެ.
"އެމްޑީޕީން ފުލުހުންނާއި ދިމާކޮށް މިހެން ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދަންޏާ ރައީސް މަޝްވަރާތަކުގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެ، ޕާޓީތަކުންވެސް ރައީސްއަށް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފައި، މަޝްވަރާކުރަން ބޭނުން ނަމަ އެމްޑީޕީން ކުރިއަށް މި ގެންދާ ދިމާކުރުމުގެ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުގެ ބަހަނާވެސް ބޮޑެވެ. ރައީސް މައުމޫން ވެސް ވާހަކައިގެ މޭޒު ދޮށަށް ވަޑައި ގަތުމުގައި ދައްކަވަނީ ބަހަނާ އެވެ. ހަމައެއާއެކު އެމްޑީޕީން ޝަރުތެއް ނެތި ވާހަކަތަކުގައި އިށީންނާނެ ކަމަށް ކިތަންމެ އަޑުހަރުކޮށް އަޑު އުފުލިޔަސް އެމްޑީޕީގެ އަމަލުތަކާއި ބަސް ދިމަލެއްނުވެ އެވެ.
ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާތަކަކީ ރާއްޖެއަށް މި ވަގުތަށް އޮތް ހައްލުކަމަށް އެންމެން އަޑު އުފުލިޔަސް އެކަމަށް އަމަލީ ސިފަ ގެންނަން ތިއްބެވި ސިޔާސީ ލީޑަރުން އެކަން ކުރެއްވުމަށް ބޭނުންވާ ކަމާ މެދު ސުވާލުއުފެދެ އެވެ. ފެންނަނީ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް ބަހަނާތަކެއްގެ ތެރޭގައި ލީޑަރުން ތިއްބަވާތީ އެވެ.