22 May 2025, 09:02
މީގެ 20 އަހަރު ކުރިން ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ނޯ އެންޓްރީ"ގެ ސީކުއަލްއިން އެކްޓަރު ދިލްޖީތު ދޮސާންޖު ވަކިވިކަމަށް ބުނާ ޚަބަރު ބޮނީ ކަޕޫރު ދޮގުކޮށްފިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ދިލްޖީތު "ނޯ އެންޓްރީ 2"އިން ވަކިވެފައި ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ.
ޓައިމްސް އެންޓަޓެއިންމަންޓްއަށް ދިން އިންޓަވިއުއެއްގައި މި ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފައި ވަނީ، ފިލްމަށް ތާރީޚެއް ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ދިލްޖީތު ބުނެފައިވާ ކަމަށެވެ.
ނަމަވެސް އިތުރު އެހެން އެއްވެސް ކަމަކާ ގުޅިގެން ދިލްޖީތާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ނުއުފެދޭ ކަމަށާއި ދިލްޖީތު އަކީ އަދިވެސް ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ އެކްޓަރެއް ކަމަށެވެ. ފިލްމު "ނޯ އެންޓްރީ 2"ގެ މަސައްކަތް ފަށަން ރާވާފައި ވަނީ ދިލްޖީތުއަށް ފިލްމަށް ތާރީޚުތައް ދެވުމުން ކަމަށާއި އޭގެ ކުރިން ފިލްމުގެ މަސައްކަތް ނުފަށާނެ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ފިލްމު "ނޯ އެންޓްރީ 2"ގެ ކާސްޓުގައި ހިމެނޭ އަރުޖުން ކަޕޫރު، ވަރުން ދަވަން އަދި ދިލްޖީތު ދޮސާންޖް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ދިލްޖީތުގެ އިތުރުން "ނޯ އެންޓްރީ 2"ގެ ކާސްޓުގައި ހިމެނެނީ ވަރުން ދަވަން އަދި އަރުޖުން ކަޕޫރެވެ. މީގެއިތުރުން ބަތަލާއިންގެ ގޮތުގައި ހަ ފިލްމީ ތަރިން "ނޯ އެންޓްރީ 2"ގެ ކާސްޓަށް ގެންނަން ނިންމާފައިވާ ކަމަށް ބޮނީ ވަނީ ބުނެފައެވެ.
ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ކުރިއަށްގެންދަނީ ގްރީސްގައެވެ. ޑައިރެކްޓަރު އަނީޒް ބަޒްމީގެ އޮރިޖިނަލް ފްރެންޗައިސެއް ކަމަށްވާ "ނޯ އެންޓްރީ"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ.
ދެހާސްފަސްވަނަ އަހަރުގެ އެ ފިލްމުގެ ކާސްޓުގައި ހިމެނެނީ އަނިލް ކަޕޫރު، ސަލްމާން ޚާން، ފަރުދީން ޚާން، ބިޕާޝާ ބާސޫ، އީޝާ ޑިއޯލް، ލާރާ ދައްތާ އަދި ސެލީނާ ޖައިޓްލީއެވެ.