28 Jul 2012, 23:03
ދިވެހިންގެ މެދުގައި ހާސްކަން ބޮޑުވެފައި ވަނީ އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރުސަތެއް ނެތުމުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖުުލައި މަހު އިންޑިއާއިން ރާއްޖޭގައި ގާއިމްކުރި ކަލްޗާ ސެންޓަރަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް މިރޭ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމެންޓްގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން މުލޭ ވިދާޅުވީ ހާމަ ބިމުގެ ގޮތުގައި މިހާރު މާލޭގައި މިއޮތީ އެއް ޕަސެެންޓަށް ވުރެވެސް ކުޑަތަންކޮޅެއް ކަމަށާއި އެހެންވުމުގެ ސަބަބުން ރަހުމަތްތެރި ގޮތެއްގައި ބައްދަލުވެ އެކަކު އަނެކަކަށް ވާހަކަ ދައްކާ މީހުންގެ މެދުގައިވާ ތަފާތުތައް ކުޑަކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
"ހާމަ ބިމުގެ ގޮތުގައި މިހާރު މިއޮތީ މާލޭގެ ބިމުގެ އެއް ޕަސެެންޓަށް ވުރެ ވެސް ކުޑަ ތަންކޮޅެއް، [ދިވެހި] މުޖުތަމައުގައި މިވާ ހާސްކަމުގެ އެއް ސަބަބަކީ މީހުންނަށް ބައްދަލުވެލާނެ ތަނެއް ނެތުން. ރަހުމަތްތެރި ގޮތަކަށް މީހުންގެ މެދުގައިވާ ތަފާތުތައް ކުޑަކުރާނެ ގޮތެއް ނެތުން،" މުލޭ ވިދާޅުވި އެވެ.
މުލޭ ވިދާޅުވީ ކަލްޗާ ސެންޓަރު ގާއިމް ކުރުމުގެ އެންމެ މުހިއްމު މަގުސަދަކީ ވެސް މީހުން ބައްދަލުވެ، ވާހަކަ ދައްކާލައި، އެއްބައެއްގެ ސަގާފަތް އަނެއް ބަޔަކާ ހިއްސާ ކުރާނެ މާހައުލެއް އުފެއްދުން ކަމަށެވެ. ރާއްޖޭގައި ހުންނަަވާއިރު ކަމެއް މަދުވާ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި އެއީ ރާއްޖޭގެ ސަގާފަތް ކަމަށް ވެސް މުލޭ ވިދާޅުވި އެވެ.
"ރާއްޖޭގައި ހުންނަ އިރު ކަމެއް މަދުވާކަން އިހުސާސްވޭ، އަޅުގަނޑަށް ހީވަނީ ދިވެހިންނަށް މިކަން މާބޮޑަށް އިހުސާސްވާނެ ހެން، އެއީ ރާއްޖޭގެ ސަގާފަތް ވަރަށް މަދުން ނޫނީ އަޅުގަނޑުމެންނަކަށް ނުފެނޭ، އަޅުގަނޑަށް ގަބޫލު ކުރެވެނީ މި ރީތި ގައުމުގައި ވަރަށް ފުން ސަގާފަތެއް އޮންނާނެ ކަމަށް،" މުލޭ ވިދާޅުވި އެވެ.
މުލޭ އަދި ވިދާޅުވީ ދިވެހި އާޓިސްޓުންނާއި ދިވެހި އިލްމުވެރިންނާއި މާހިރުންނާ ގުޅިގެން ރާއްޖޭގެ ސަގާފަތް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އުފަލެއް ކަމަށެވެ. ސަގާފަތް ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ބަހުސްކުރުމާއި ވާހަކަ ދެއްކުމުގެ މާހައުލެއް ގާއިމް ކުރުމުން ރަހުމަތްތެރި އަދި ޑިމޮކްރެޓިކް ގޮތެއްގައި މީހުންގެ މެދުގައިވާ ތަފާތުތައް ނައްތާލުމަށް އެހީއަކަށް ވާނެ ކަމަށް ވެސް މުލޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމުގައި ރާއްޖެ އަޅާ ކޮންމެ ފިޔަވަޅެއްގައި ރާއްޖެއާއެކު އިންޑިއާ ވާނެ ކަމަށެވެ.
"ތަރައްގީއާ ކުރިއެރުން ހޯދުމުގައި ރާއްޖެ އަޅާ ކޮންމެ ފިޔަވަޅެއްގައި އިންޑިއާ އޮންނާނީ ރާއްޖެއާއެކު،" މުލޭ ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ އިންޑިއާއިން ގާއިމް ކުރި ކަލްޗާ ސެންޓަރުން ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށާއި އެ ސެންޓަރަކީ ރާއްޖެއަށް ފައިދާ ހުރި ސެންޓަރެއް ކަމަށެވެ. އަދި ސެންޓަރު އުފައްދައި ކުރިއަށް ގެންދާތީ އިންޑިއާ ސަރުކާރަށް އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ.
ދުންޔާ މައުމޫނުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ އާއި ކަމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޒާރު ވެސް ހަފުލާފައި ބައިވެރިވަޑައިގަތެވެ.
ކަލްޗާ ސެންޓަރުން ކުރިއަށް ގެންދިޔަ ކަތަކް ޑާންސާއި ޔޯގާއާއި ތަބުލާ ޖަހަން ދަސްކޮށްދިނުމުގެ ކޯސްތައް ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސެޓްފިކެޓް ދިނުން ވެސް މިރޭގެ ހަފުލާގައި އޮތެވެ. އަދި ކަތަކް ޑާންސާއި ތަބުލާ ޖެހުމާއި ޔޯގާގެ ހަރަކާތްތައް ދައްކާލުން ވެސް ބޭއްވި އެވެ.
އިންޑިއަން ކަލްޗާ ސެންޓަރަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން މިދިޔަ އަހަރުގެ ޖުލައިމަހު ގާއިމް ކުރި ސެންޓަރެކެވެ. އެ ސެންޓަރު ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ އިންޑިއާއާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދެ ގައުމުގެ މެދުގައި ސަގާފީ ގުޅުން ބަދަހިކުރުމެވެ.
ސަގާފީ އެކިއެކި ހަރަކާތްތައް ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުމާއި ހިންދީ ބަސް ދަސްކޮށްދިނުމުގެ ކޯސްތަކުގެ އިތުރުން އިންޑިއާ ސަރުކާރުގެ އައިސީސީއާރު ސްކޮލަޝިޕް ޕްރޮގްރާމަށް ދަރިވަރުން ހޮވުން ވެސް ކުރިއަށް ގެންދަނީ އިންޑިއަން ކަލްޗާ ސެންޓަރުންނެވެ. އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު 40 ދަރިވަރަކަށް މިހާރު ވަނީ ލިބިފަ އެވެ.