ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މާދަމާ މެންދުރު 12:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދަށް ޗިޓް ފޮނުވާފައި ވަނީ އޭނާ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ދައުވާކުރާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް މަހުލޫފަށް ޗިޓް ފޮނުވިކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ މުލީއާގޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އެތަނުގައި ތިބި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިވާގޮތަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ދައުވާއެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ސަންއޮންލައިނަށް އެނގިފައިވާގޮތުގައި ސިވިލްސާވިސް ކޮމިޝަނަށް ވަދެ އަޑުގަދަ ކުރި މައްސަލައަކާއި ގުޅިގެން އެމްޑީޕީގެ ދެ އެކްޓިވިސްޓެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ވެސް އެ ދުވަހު ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މއ. ކުޑަދުންމާރިގޭ، މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމްގެ މައްޗަށެވެ.

ގާނޫނުލް އުގޫބާތުގެ 86 ވަނަ މާއްދާގެ ދަށުން އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ އަކީ ސަރުކާރުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.