އިންޑިއާގެ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"އިން ވިދާލި ރާހުލް ވައިދްޔާއަށް ތުރުކީއިން ހުށަހެޅި 60،000 އެމެރިކާ ޑޮލަރުގެ އޮފާއެއް އޭނާ ދޫކޮށްލާފައިވާކަން ހާމަކޮށްފިއެވެ.

ރާހުލްއަށް ތުރުކީއިން ހުށަހެޅި މި ފުރުސަތު ބޭނުން ނުކޮށް ދޫކޮށްލީ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި އަސްކަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"އަށް ތާއީދުކުރުމުގެ ގޮތުން ކަމަށް ވަނީ ބުނެފައެވެ. ރާހުލް ތުރުކީއާ ދެކޮޅަށް ތެދުވެފައި މި ވަނީ ޓެލެވިޒަން ބަތަލާ ރޫޕާލީ ގަންގޫލީ ވެސް ތުރުކީ ބޮއިކޮޓް ކުރުމަށް ޓެލެވިޒަން ތަރިންނަށާއި އިންޑިއާގެ ރައްޔިތުންނަށް ގޮވާލާފައި ވަނިކޮށެވެ.

ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނެފައި ވަނީ ތުރުކީއިން ލިބުނު ފުރުސަތަކީ ކިތަންމެ ބޮޑު އަގެއްގައި ހުށަހެޅި އޮފާއަކަށްވީ ނަމަވެސް އަމިއްލަ ޤައުމަށްވުރެ އެހެން އެއްވެސް ކަމެއް އިސްކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށް ފިލްމީ އޮފާ ހުށަހެޅި ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

ރާހުލް އޭނާގެ އަންހެނުން ބަތަލާ ދިޝާ ޕަރުމަރުއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

ރާހުލްއަށް ލިބުނު ފުރުސަތު ދޫކޮށްލުމުން 60،000އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ތުރުކީގެ އެ ކުންފުނިން ހުށަހެޅި ކަމަށާއި ނަމަވެސް އާއްމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށްވުރެ ޤައުމިއްޔަތުކަން އިސްކޮށް އަމިއްލަ ޤައުމުގެ ދިފާޢުގައި ތެދުވުމަކީ އޭނާއަށް މާ މުހިއްމު ކަމަށް ޒުވާން ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

ހަމައެއާއެކު އިންޑިއާއަށް ބަދުބަސް ބުނަމުން އަންނަ ޤައުމަކަށް ތާއީދުކޮށް ވާހަކަ ދައްކާ ޤައުމަކަށް ދިއުމުގެ އެއްވެސް ޝައުގެއް ރާހުލްގެ ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. ރާހުލްއަށް މިއަދު ލިބިފައިވާ ކާމިޔާބީ އަކީ އަމިއްލަ ޤައުމުގެ ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމްގެ ނަތީޖާ ކަމަށާއި އިންޑިއާއާ ދެކޮޅަށް ތެދުވެފައިވާ އެއްވެސް ޤައުމެއްގެ ރައްޔިތުން މުނިފޫހިފިލުވައިދިނުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވެ ދެ ޤައުމުގެ އަސްކަރިއްޔާއިން ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު ތުރުކީއިން ވަނީ ޕާކިސްތާނަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ތުރުކީ ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ. ދާދިފަހުން އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ވަނީ ތުރުކީގައި ފިލްމީ މަސައްކަތް ކުރުން ހުއްޓާލުމަށް ފިލްމު ޕްރޮޑިއުސަރުންނަށް އަންގާފައެވެ.