ވިލިމާލޭ ފެރީއަކާއި ވަތަނިއްޔާ މަސްރޭހުގައި ބައިވެރިވި ދޯންޏެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު 0420 އެހާކަންހާއިރު އެކްސިޑެންޓް ހިނގީ މުއާސަލާތީ ކުންފުނި، ވަތަނިއްޔާ މަސްރޭހުގައި ވާދަކުރާ "ދަރުމަ" ދޯންނާއި ވިލިމާލޭ ފެރީ "އެޓޯލް-4″ ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގެ ހަބަރު ލިބުމާއެކު އެ ސަރަހަދަށް ގޮސް އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އެހީވެދީ، މެރިން ޕޮލިހާއި ގުޅިގެން އަނިޔާވި މީހުން މާލެއަށް ގެންސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންނެވެ.

މިހާދިސާގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބި އެވެ. މި އެކްސިޑެންޓް ހިނގި އިރު ދަރުމަ ދޯނީގައި 17 މީހުން ތިއްބެވެ. ވިލިމާލޭ ފެރީގައި 21 މީހުން ތިއްބެވެ. އަނިޔާވީ ވަތަނިއްޔާ މަސްރޭހުގައި ވާދަކުރި ދޯނީގެ ހަތް މީހަކަށެވެ.

ނުރައްކާތެރި މި އެކްސިޑެންޓްގައި ދަރުމަ ދޯނީގެ ދޯނީގެ ކަނާތްފަޅިން އަށް ފޫޓަށް ފަޅައިގެން ގޮސްފައިވާއިރު ފެރީގެ ދިރުނބާކޮޅުން ވެސް ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.

ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.