އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅޭ އެޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން ކެވިން ޑި ބްރުއިނާ އެޓީމުގެ ދަނޑުގައި ކުޅުނު ފަހު މެޗު ސިޓީން ކާމިޔާބުކޮށް، ނިންމާލައިފިއެވެ.

ސިޓީން މިމެޗު ކާމިޔާބު ކޮށްފައިވަނީ ބޯންމޯތާ ބައްދަލުކޮށް ތިން ލަނޑު އެއް ލަނޑުންނެވެ. މިމެޗު ވެގެންދިޔައީ ވަރަށް ގިނަ ގޮތްގޮތުން ސިޓީއަށް ހާއްސަ މެޗަކަށެވެ. މިގޮތުން ފުރަތަމަ ކަމަކަށް މިކާމިޔާބީއަކީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، މިއީ ސިޓީގައި 10 ސީޒަން ހޭދަކުރުމަށްފަހު މިސީޒަނާއެކު އެޓީމާ ވަކިވާ ޑި ބްރުއިނާ ސިޓީގެ ދަނޑުގައި ކުޅުނު ފަހު މެޗެވެ. އަދި މިއީ އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑު ބައި ކުޅުމާ ދުރުގައި ހުރި އެންމެ ފަހުން ބެލޮން ޑިއޯ ކާމިޔާބު ކޮށްފައިވާ ރޮޑްރީ އެނބުރި އައިސް ފުރަތަމަ ފަހަރަށް ކުޅުނު މެޗުވެސް މެއެވެ. މިތިން ކަންތައްވެސް ވަރަށް ބޮޑަށް މިމެޗުން ފާހަގަވިއެވެ.

އެފް އޭ ކަޕްގެ ފައިނަލްގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުގެ މާޔޫސްކަން ފިލުވާލާ އެ ނާކާމިޔާބީ ހަނދާން ނައްތާލަށް ބޭނުންވެފައިތިބި ސިޓީގެ ކުޅުންތެރިން މިމެޗު ފަށާފައިވަނީ އާދަޔާ ޚިލާފް ހިތްވަރަކާއެކުއެވެ. މިގޮތުން މިމެޗުގައި ސިޓީގެ ފަރާތުން ވަނީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ފެނިފައެވެ.

މިގޮތުން ގިނައިރު ބޯޅަ ގެންގުޅުމުގެ އިތުރުން ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސިޓީންނެވެ. އަދި މެޗުގެ 14ވަނަ މިނެޓްގައި އޮމަރު މަރްމޫޝް 90 ފޫޓް ދުރުން ގޯލަށް ފޮނުވާލި ހަމަލާ ދަނޑިގައި ޖެހިފާ ގޯލަށް ވަނުމާއެކު މިމެޗުގެ ފޯރި އިތުރަށް ގަދަވިއެވެ.

މިރީތި ލަނޑު ވެގެންދިޔައީ މިސީޒަންގެ ޖެނުއަރީގައި ސިޓީއާ ގުޅުނު މަރްމޫޝް އެޓީމަށް ޖަހައިދިން އަށްވަނަ ލަނޑަށެވެ. މުޅި ދަނޑުގައި ޑި ބްރުއިނާގެ ނަން ގުގުމަމުން ދިޔަ މިމެޗުގައި ޑި ބްރުއިނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާއަށް ވަނީ ލަނޑަކާއެކު މެޗު ނިންމާލުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާއަށް ގޯލް ހުސްކޮށް އޮއްވާ ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މިމެޗުގައި ސިޓީން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 38ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ބޯންމޯތުގެ އެވަނީލްސަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މިމެޗުގެ ދެވަނަ ހާފަށް ބޯންމޯތުން ނިކުތީ ފުރަތަަމަ ހާފަށް ވުރެ ބޮޑަށް މެޗުގެ ތެރެއަށް ވަދެ ސިޓީގެ ކުޅުން މަޑު ޖައްސާލުމުގެ އަޒުމާއެކުއެވެ. މިގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ސިޓީގެ ހަމަލާތައް މަދުވެގެންދިޔަތަން ފެނުނު ނަމަވެސް ބޯންމޯތަށް ވެސް މާރަނގަޅު ފުރުސަތެއް އުފެއްދޭގޮތެއްނުވިއެވެ.

މިހާފުގައި ދެން ފެނުނީ ސިޓީގެ މެދުތެރެއިން މިމެޗުގައި ރަނގަޅު ކުޅުމެއް ކުޅެމުންދިޔަ މަޓިއޯ ކޮވަސިޗް އެންމެ ފަހު ކުޅުންތެރިޔާއަށް ވެހުރެ އެވަނީލްސަންއަށް ފައުލް ކުރުމާ ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކިތަނެވެ. މި ސިހުން ސިޓީގެ ބެންޗުން ފާހަގަ ކުރީ އެކުޅުންތެރިޔަކަށް މިމެޗު ހާއްސަވި ޑި ބްރުއިނާ ބަދަލު ކޮށްފައެވެ.

މި ވަގުތުކޮޅު މެޗު ބަލަން ދަނޑަށް ވަދެތިބި އެންމެން ޑި ބްރުއިނާއަށް ތަރްހީބް ދެމުންދިޔައިރު ޑި ބްރުއިނާ އެޓީމުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔުމުގެގޮތުން އަތުން ހަނާ އަޅަމުންދިޔައެވެ. ސިޓީގެ އެއްކުޅުންތެރިއެއް މަދު ވުމުގެ ފައިދާ ނަގައި މިމެޗުން ބޯންމޯތު ނަތީޖާއެއް ނެރެފާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ 73ވަނަ މިނެޓުގައި ބޯންމޯތުގެ ކެޕްޓަން ލުވިސް ކުކް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކިއެވެ. އެއާއެކު ބޯންމޯތަށް ލިބުނު އެއް ކުޅުންތެރިއެއް އިތުރު ވުމުގެ އެޑްވާންޓޭޖް ގެއްލުނެވެ.

މިމެޗުގައި ސިޓީން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 89ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ނީކޯ ގޮންޒާލޭޒްއެވެ. މިއީ އޭނާ ސިޓީއަށް މިހާތަނަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުގައި ބޯންމޯތުން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޭން ޖެބިސަންއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު ވަނީ 37 މެޗުން ލިބިފައިވާ 68 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑު ކޮށްފައެވެ. މިއާއެކު ފަހު މެޗުގައި މިއަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ފުލަމްއާ ބައްދަލުކުރާ މެޗުން ޕޮއިންޓާއެކު ޗެމްޕިއަންސް ލީގު އެޓީމަށް ކަށަވަރު ކުރެވޭނެއެވެ.

ނަމަވެސް، ސިޓިގެ ދަށުން ޗެމްޕިއަންސް ލީގަށް ވާދަކުރާ އެހެން ޓީމުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން އެމެޗުން ބަލިވި ނަމަވެސް އެފުރުސަތު ސިޓީއަށް ލިބިގެންދިއުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވުމުން ބޯންމޯތު މިހާރު އުޅެނީ 53 ޕޮއިންޓާއެކު ތާވަލްގެ 11ވަނައިގައެވެ. އަދި މިއާއެކު އެޓީމަށް މިއަންނަ ސީޒަނގައި ޔޫރަޕުން ޖާގައެއް ހޯދުމަށް އޮތް ހުރިހާ ފުރުސަތެއް މިވަނީ ބަންދު ވެފައެވެ.

މިމެޗަށްފަހު ސިޓީން ވަނީ ކެވިން ޑި ބްރުއިނާއަށް އަލްވަދާއު ކިޔުމުގެ ގޮތުން ހާއްސަ ހަފުލާއެއް ދަނޑުގައި ބާއްވާފައެވެ. އަދި މިކަމުގައި ސިޓީގެ ހުރިހާ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ބައިވެރިވިއެވެ.