28 Jul 2012, 19:15
މިއަހަރު، ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެ އެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހާ ފަރާތްތަކުން އިނާމާބެހޭ ކޮމިޓީއަށް ފޯމް ހުށަހަޅަންޖެހޭ އެންމެފަހު ވަގުތަކީ، އަންގާރަ ދުވަހުގެ މެންދުރުފަހު 0130 ކަމަށެވެ.
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު ހުޅުއްވައިލީ މިދިއަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. ފުރްޞަތު ހުޅުއްވާލިއިރު އިނާމު ދިނުމުގެ އުޞޫލުތަކަށް ބައެއް ބަދަލުގެނެސް އިތުރު ދާއިރާތަކާއި ރޮނގުތައްވެސް، ވަނީ ހިމަނާފަ އެވެ.
އެ ބަދަލުތަކުގެ ތެރޭގައި، ހިތްވަރު ދިނުމުގެ އިނާމު، ވަކިވަކި ފަރުދުންނަށް ދެމުން ގެންދާ މުއްދަތު، 10 އަހަރުން 7 އަހަރަށް ކުޑަކުރުން ހިމެނެ އެވެ. ޝަރަފްގެ ޤައުމީ އިނާމު ދިނުމުގައި ބަލާ މުއްދަތަކަށް ބަދަލެއް ނުގެނެ އެވެ. ޝަރަފްގެ ޤައުމީ އިނާމު ދެނީ އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ޚިދްމަތްކުރުމުން ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި، އެކު ޖުމްލަ 35 އަހަރު ވުމުންނެވެ.
މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމަޢިއްޔާ ޖަމާޢަތްފަދަ ތަންތަނުން ވެސް، ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް ނަން ހުށަހެޅޭނެ އެވެ.