މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ބުދު ދީނުގެ މީހުންނާއި ސަރުކާރުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވީފަހުން އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕިއްލޭގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިޔަންމާގެ ރާޚިން ސްޓޭޓްގައި މުސްލިމުންނާ ބުޑިސްޓުންނާ ދެމެދު ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާމެދު އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"ރާޚިން ސްޓޭޓްގައި ހަމަނުޖެހުންތައް ފެށުނީ މިދިޔަ މޭމަހުގެ 28 ވަނަ ދުވަހު ރާޚިން އަންހެނަކު ރޭޕްކޮށް، މަރާލުމުންނެވެ. އޭގެ ފަހުން އުފެދުނު ހަމަނުޖެހުމުގައި ޖޫން ތިންވަނަ ދުވަހު ކޮން ބައެއްކަން ނޭނގޭ ބަޔަކު އެއްވެ މުސްލިމް 10 ފިރިހެނުން ވަނީ މަރާލާފަ އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 70،000 މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. ގިނަ މީހުން މަރުވި ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނި ނަމަވެސް ރަސްމީ ހިސާބުތަކުން ދައްކަނީ 78 އަށް މީހުން މަރުވި ކަމަށެވެ." އދ. ގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ވަނީ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމަށް މިޔަންމާގެ ސަލާމަތީ ބާރުތަކުން މަސައްކަތް ނުކުރާ ކަމަށާއި އަދި ސަލާމަތީ ބާރުތަކުން ވެސް ބުޑިސްޓުންނާ ބައިވެރިވެ، މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފަިއވާ ކަމަށެވެ.

މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަށް ބައިނަލް އަގުވާމީ މީޑިއާގެ ސަމާލުކަން ލިބެމުން ނުދާނީ އެކަމުގެ ތަފުސީލުތައް ލިބުންވަނީ ދަތިވެފައެވެ.