ސަލާމަތީ ބާރުތަކާ އެއްކޮޅަށް ޕީޕީއެމުން މިރޭ ބާއްވާ މުޒާހަރާގައި ހުރިހާ ސިޔާސީ ޕާޓީއަކުން ބައިވެރިވުމަށް މަދަނީ އިއްތިހާދުން ގޮވާލައިފި އެވެ.

ބަނގުރަލާ ދެކޮޅަށް ބޭއްވި މުޒާހަރާއާ ގުޅިގެން އެތައް ސަތޭކަ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެން އުފެދުނު މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ މިރޭ ޕީޕީއެމުން ބާއްވާ މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ ދިފާއުގައި ސިޔާސީ އެެހެން ޕާޓީތައް ނުކުތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މުޒާހަރާގައި ހުރިހާ ޕާޓީތަކުން ވެސް ބައިވެރިވުމަށް އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ މުޒާހަރާގައި ބައިވެރިވާނެ އިތުރު ޕާޓީތަކެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮވާލައިފައިވާނެ ހުރިހާ ޕާޓީއަކަށް ވެސް މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް. އަޅުގަނޑު އުންމީދު ކުރަނީ އެ ޕާޓީތަކުން ބައިވެރިވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކާ އެއްކޮޅަށް ޕީޕީއެމުން ނުކުންނަނީ ފުލުހުންނާއި ސިފައިންނަށް ފުރައްސާރަކޮށް، އެމްޑީޕީން ކުރިއަށް ގެންދާ ސިޔާސީ ހަރާކާތްތާ ދެކޮޅަށް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ރޯދަމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ އަދި ރޯދަ މަސް ނިމުމުން ހަފުތާއަކު ދެތިން ރޭ އާޓިފިޝަލް ބީޗުގައި އެއްވުން ބާއްވާނެ ކަމަށެވެ.