މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ތަރައްގީކޮށް މިހާރު ހިންގަމުން ގެންދާ ހެރެތެރެ ރިސޯޓް ގަންނާނެ ނުވަތަ ޖޮއިންޓް ވެންޗާއުސޫލުން ހިންގާނެ ބައެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

އެމްޑީސީސީން ބުނީ އެރިސޯޓް ކުއްޔަށްދިނުން ނުވަތަ ޖޮއިންޓް ވެންޗާ އުސޫލުން ހިންގާނެބައެއް ހޯދަން އިއުލާންކުރީ އެރިސޯޓް މެނޭޖްމަންޓް ކޮންޓްރެކްޓަކަށް ދޫކޮށްލަން ބޭނުންނުވާތިއްޔާއި ކުންފުންޏަށް ވީއެންމެ ބޮޑު ފައިދާއެއް ހޯދައިދިނުމަށް ކަމަށެވެ.

އެމްޑީސީސީން މިހާރު ހިންގަމުންގެންދާ 115 އެނދުގެ އެރިސޯޓަށް ބިޑް ކުރުމުގެ މުއްދަތު ހަމަވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން ހެރެތެރެ ރިސޯޓު ވަނީ ޔޮޓް ޓުއާރސް އަށްވެސް ކުއްޔަށް ދީފަ އެވެ. ނަމަވެސް، ދެފަރާތުގެ ދެމެދުގައި މައްސަލަތައް ދިމާވެ އެއްބަސްވުމާއި އެގްރީމަންޓް ވަނީ ފަހުން ބާތިލްކޮށްފަ އެވެ. އެންމެ ފަހުން ހެރެތެރެ ރިސޯޓް ހިންގާފައިވަނީ ތައިލޭންޑްގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ހޮސްޕިޓާލިޓީ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެ ރަށް ނުހިންގިގެން ރަށް އަބުރާ އެމްޓީޑީސީއާ ހަވާލުކޮށްފަ އެވެ.

ހެރެތެރެ އަކީ އެމްޓީޑީސީ އިން ތަރައްޤީކޮށް ފުރަތަމަ ހުޅުވި ރިސޯޓެވެ.