28 Jul 2012, 15:36
ލާންސް ކޯޕްރަލް އާދަމް ހަލީމް (އެޑަމް) ގެ މަރުގެ މައްސަލައިގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް ލަފާކުރެވޭ ކަމަށާއި އޭނާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މަރާލައި ޝަހީދުކޮށްލީ ޕީޕީއެމްގެ މެންބަރެއް ކަމަށާއި ނަމަވެސް އޭނާގެ މަރު، ވަކި ބައެއްގެ ބޮލުގައި އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު، ދިޓީވީ މެދުވެރިކޮށް ފޯނުން ވާހަކަފުޅު ދައްކަވައި ފުލުސް މީހާގެ މަރު ވަކި ބައެއްގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
"މިއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރާއި އެކު، ލާންސްކޯޕްރަލް އާދަމް ހަލީމް މަރާލި ގާތިލުގެ ފޮޓޯ ކަމަށް ބުނާ ފޮޓޯއެއް، ސޯޝަލް މީޑިއާތަކުގައި އާންމުވެގެން ދިއުމުން، މިކަން އިތުރަށް ތަހުގީގުކުރަން ޖެހިފައިވާ ކަމަށް ދެކެމެވެ،"
އެމްޑީޕީގެ ބަޔާނުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ރޭ ނެރުނު ނޫސްބަޔާނަށް ވެސް ރައްދުދީފައިވެ އެވެ. ބަޔާނުގައި ބުނަނީ ފުލުހުން ގައުމަށް ކުރަމުން އަންނަ ހިދުމަތުގެ އަގު ހުރިހާ ފަރާތްތަކުން ވެސް ބަލައިގަނެ، އެއްބާރުލުން ދިނުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ނަމުގައި ބަޔާން ނެރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށެވެ.
"މިއާއެކު ފުލުހުން ގައުމަށް ކުރަމުން އަންނަ ޚިދުމަތުގެ އަގު ހުރިހާ ފަރާތްތަކުން ވެސް ބަލައިގަނެ، އެއްބާރުލުން ދިނުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ނަމުގައި ބަޔާން ނެރެ، އެކަމުގެ ހަގީގަތް އޮޅުވާލުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމުގައި ދެކި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ވުމާ އެކު ލާންސްކޯޕްރަލް އާދަމް ހަލީމް މަރާލި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރުމަށް ކަމާއިބެހޭ އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ،" އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ.
ހަލީމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ކާށިދޫ ސުވާސާގޭ، މުހައްމަދު ސަމާހު، 22 އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ޕާޓީ އަށް ވުރެ މުހިއްމީ އެކުށް ކުރި މީހާގެ އަމަލު ކަމަށެވެ. އަދި ކޮންމެ ޕާޓީގެ މީހަކަށް ވިޔަސް ފުލުހަކަށް ނުވަތަ އާންމު މީހަކަށް ވެސް އަނިޔާ ދީގެން ނުވާނެ ކަމަށެވެ.