28 Jul 2012, 15:24
މާލޭ ސިޓީ ކައުންސިލުން މާލޭގައި އަނެއްކާވެސް ޕާކެއް ހުޅުވައިފި އެވެ.
"ސިޓީ ޕާކް" ގެ ނަމުގައި ރޭ ޕާކެއް ހުޅުވާފައި ވަނީ ކުރީގެ ބާ އިންޖީނުގެ ހުރިތަނުގަ އެވެ. ޕާކް ހުޅުވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލި މަނިކު މިއަދު ވިދާޅުވީ އެ ޕާކަކީ އެ ކައުންސިލުން ކުރިއަށް ގެންދާ "ނަލަ ފެހި މާލެ" ޕްރޮގްރާމްގެ ދަށުން ހުޅުވި ދެވަނަ ޕާކް ކަމަށެވެ.
ރޭ ހުޅުވި އެ ޕާކްގައި ކުޑަކުދިން ކުޅޭ ސާމާނު ބަހައްޓާފައި ހުރިއިރު ޒުވާނުންނަށް ކަސްރަތުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި އިށީންނާނެ ގޮނޑިތަކެއް ވެސް އެ ޕާކްގައި ބަހައްޓާފައި ވެއެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ސޯސަން ސްޓޯރު ކުރިމަތީގައި "ފިނި ޕާކު" ގެ ނަމުގައި ވެސް ވަނީ ޕާކެއް ހުޅުވާފަ އެވެ. އެ ޕާކް ހުޅުވައި ދެއްވާފައި ވަނީ މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު އެވެ.
"ބުރާސްފަތި ދުވަހުގެ ރޭ ފިނިޕާކް" ހުޅުވުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ ޕާކާއި ދޭތެރޭ ގޮތެއް ނިންމަން މާދަމާ ބަންޑާރަ ނާއިބްގެ ލަފާ ހޯއްދަވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ އެހެން ހެދި ނަމަވެސް ކައުންސިލްގެ ޒިންމާތައް އަދާކުރަމުން ދާނެ ކަމަށެވެ.