25 Aug 2010, 10:18
15:18
ގައުމީ ޕާޓީގެ ނައިބު ލީޑަރު އިމާދު ސޯލިހާ ދެކޮޅަށް ޔޫތު މިނިސްޓަރު ހަސަން ލަތީފު އަބުރުގެ ދައުވާއެއް ކުރެއްވެވީ ގައުމީ ޕާޓީގެ މައްޗަށް ހަސަން ލަތީފުގެ ހިތްޕުޅުގައި ޒާތީ ހަސަދަވެރިކަމެއް އޮވެގެން ކަމަށް އިމާދު ސޯލިހުގެ މައްޗަށް ފަށާފައިވާ އަބުރުގެ ދައުވާ އަށް ޖަވާބު ދެއްވަމުން އިމާދު ސޯލިހު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
އިމާދާ ދެކޮޅަށް މިނިސްޓަރު ހަސަން ލަތީފު ކުރެއްވެވި އަބުރުގެ ދައުވާއަށް ޖަވާބުދާރީވުމަށް 14 ސޮފުހާގެ ބަޔާނެއް ކޯޓަށް އިއްވަމުން އިމާދު ވިދާޅުވީ ހަސަން ލަތީފުގެ މާލީ ބަޔާން ދިނުމަށް އެދި ގައުމީ ޕާޓީން ހަސަން ލަތީފަށް ސިޓީއެއް ފޮނުވުވުމުން އެ ބަޔާން ނުދެއްވައި އޭނާއަށް ސިޓީ ނުފޮނުވުމަށް އެދިވަޑައިގެން ވަރަށް ރުންކުރުކޮށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ހަސަން ލަތީފު ދައުވާއެއް ކުރައްވަނީ ބަދަލު ހިފުމަށް ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
މީގެ އިތުރުން އިމާދު ވިދާޅުވީ ހަސަން ލަތީފަށް ނިސްބަތްކޮށް ދި ޓީވީގައި އޭނާ ދެއްކެވި ވާހަކަތަކީ އޭރު ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދި ޓީވީން ކުރި ސުވާލަކަށް، ލިބިފައިވާ މައުލޫމާތުގެ އަލީގައި ދެއްކެވި ވާހަކަތައް ކަމަށެވެ.
އިމާދު ހުށަހެޅި 14 ސޮފުހާގެ ބަޔާނަށް ރައްދު ދެއްވަމުން މިނިސްޓަރު ހަސަން ލަތީފުގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އިމާދުގެ ބަޔާނުގައި ވަނީ މައްސަލައާ ނުގުޅޭ ބޭކާރު ވާހަކަތައް ކަމަށެވެ.