18 May 2025, 23:53
ޔުއޭފާ ޗެމްޕިއަންސް ލީގުގެ މިއަންނަ އަހަރުގެ މުބާރާތުގެ ޖާގައެއް އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލް އިން ކަށަވަރު ކޮށްފިއެވެ.
އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ތާވަލްގެ ދެވަނައިގައި އުޅޭ އާސެނަލް އާއި ތިންވަނައިގައި އުޅޭ ނިއުކާސްލް ވެސް އަންނަނީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިފަހަރުގެ ކުރިމަތިލުމުގައި މިކަން ކާމިޔާބުވީ އާސެނަލް އަށެވެ. އާސެނަލްއިން މިހާރު 37 މެޗު ކުޅެ ލީގުގައި ބާކީ އެއް މެޗު އޮތްއިރު މިހާރުވަނީ 71 ޕޮއިންޓް ހޯދާފައެވެ. އަދި އެޓީމުގެ ފަހަތުން އުޅޭ ޓީމުތަކަށް ބަލާއިރު އެޓީމާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުސަތު އޮތީވެސް ހަމައެކަނި މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށެވެ.
ނަމަވެސް، ސިޓީއަށް ވެސް ލަނޑުގެ ގޮތުން އާސެނަލް ކައިރިން ކުރި ހޯދޭނެ ހެނެއް ހިއެއް ނުވެއެވެ. ސިޓީއަށް ވެސް މިކަން ކުރެވޭނީ އާސެނަލް އެޓީމުގެ ފަހު މެޗުން ބަލިވެ ސިޓީ އެޓީމު ކުޅެން އޮތް ދެމެޗުން މޮޅުވެއްޖެނަމައެވެ. ދެން އުޅޭ އެއްވެސް ޓީމަކަށް އާސެނަލްއާ އަރާ ހަމަކުރުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ.
އާސެނަލް އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގެ ފުރަތަމަ ހާފުގައި ނިއުކާސްލް އިން ވަނީ މޮޅު ކުޅުމެއް ދައްކާ އާސެނަލް ހާސް ކަމުގެ ތެރޭގައި ބަހައްޓާފައެވެ. މިހާފުގައި ނިއުކާސްލްއަށް ލަނޑެއް ނުޖެހުމުގެ ފަހަތުގައި އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާގެ މޮޅު ކުޅުން މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާވަނީ ނިއުކާސްލް އިން އުފެއްދި ގިނަ ހަމަލާ ތަކެއް ދިފާއު ކޮށްފައެވެ.
މިމެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 55ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަންގައި އެޓީމަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފައިވާ ޑެކްލަން ރައިސްއެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ނިއުކާސްލްއިން ވަނީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑެއް ޖެހޭނެތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
މިކާމިޔާބީ އާއެކު އާސެނަލްއިން ލީގުގެ ދެވަނަ އާއި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރިއިރު ނިއުކާސްލް ފަހު މެޗަށް މިއަންނަ ހަފުތާގެ އާދިއްތަ ދުވަހު ނިކުންނާނީ އެމެޗު ކާމިޔާބު ކޮށްފި ނަމަ ތާވަލްގެ ގަދަ ފަހެއްގައި ހިމެނި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެކަމުގެ އުންމީދާއެކުއެވެ. ނިއުކާސްލް މިހާރު އުޅެނީ 66 ޕޮއިންތާއެކު ތާވަލްގެ ތިން ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ނޮޓިންހަމް ފޮރެސްޓާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފޮރެސްޓެވެ. މީގެއިތުރުން ފުލަމް ފަހަތުން އަރާ ތިން ލަނޑު ދެ ލަނޑުން ބްރެންޓްފަޑް ބަލިކުރިއިރު ލެސްޓާ ސިޓީ ވަނީ ދެ ލަނޑު ސުންލަނޑުން އިޕްސްވިޗް ޓައުން ބަލިކޮށްފައެވެ. މިމެޗުގައި އުމުރުން 38 އަހަރުގެ ޖެމީ ވާޑީ ވަނީ ލެސްޓާއަށް އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި އެކްލަބަށް ކާމިޔާބު ކޮށްދިން 200ވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެވަޓަން އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައި ވަނީ އެވަޓަން އެވެ.