28 Jul 2012, 15:17
ރާއްޖޭގޭ ޝަރުއީ ނިޒާމުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް އދ. ގެ ހިއުމަންރައިޓްސް ކޮމިޓީން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ނެރުނު ޕްރިމިލިނަރީ ރިޕޯޓްގައި ބުނެފި އެވެ.
މިމަހުގެ 12 އަދި 13 ވަަނަ ދުވަހު ޖެނީވާގައި ބޭއްވި އެކޮމިޓީގެ ބައްދަލުވުންތަކުގައި ރާއްޖެއާބެހޭ ގޮތުން ކުރި ތަހުގީގުތަކަށް ފަހު އިއްޔެ އާއްމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ކޮމިޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ބައެއް ކަންތައްތަކާ ހެދި ބުރޫ އަރާ ކަމަށް ދައުލަތުން އެއްބަސްވެފައިވާ" ކަމަށެވެ.
ރިޕޯޓްގައި އަދި ބުނެފައި ވަނީ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުރުން ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވަނީ ރޭވުންތެރިކަމާއެކު ނިޒާމެއްގެ ތެރެއިން ކަމަށާއި އެފަދަ ހާދިސާގެ ތެރެއިން މިހާތަނަށް ތަހުގީގުކުރެވިފައި ވަނީ ވަރަށް މަދު ހާދިސާތަކެއްކަމުން އެކަމާ މެދު ކޮމިޓީން ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ތަހުގީގުކޮށް، ބަދަލުދޭން ޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ވެސް ރިޕޯޓްގައި ވަނީ ގޮވާލާފަ އެވެ.
އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު އުވާލުމަށް ވެސް ކޮމިޓީން ވަނީ ގޮވާލާފައެވެ.
"މަރުގެ އަދަބު ދިނުމަކީ ކުށްކުރުން މަދުކުރުމަށް ބާރަކަށް ނުވާނެ ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާ އިރު މަރުގެ އަދަބު އުވާލަން ގާނޫނެއް ފާސްކުރަން ކޮމިޓީން ވާނީ އެދިފައެވެ." ބަޔާނުގައި ވެއެވެ.
ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓެއް 2015 އަހަރު ރާއްޖޭން ހުށައަޅަން ޖެހޭނެ ކަމަށް ވެސް އދ. ގެ ރިޕޯޓްގައި ވެއެވެ.