ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ދިގު މުއްދަތަށް ދޫކޮށްފައިވާ އުސްފަސްގަނޑުގައި ނަމާދުގެއެއް އަޅައިފި އެވެ.

ގާތްގަނޑަކަށް އެއް ފަހަރާ 25 މީހުނަށް ނަމާދުކުރެވޭނެ ޖާގަ ލިބޭ ގޮތަށް ނަމާދުގޭގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފަ އެވެ. ދަގަނޑު ހޮޅި ޖަހައިގެން ހެދުމަށްފަހު އުސްކޮށް ރާނައިފައިވާ މިސްކިތުގައި ވަށައިގެން ތަށި މުށި ގޮތަށް ހުންނަ ޕްލާސްޓިކް ޝީޓް ޖަހާފައިވެއެވެ. މި ނަމާދުގެ ތައްޔާރުކޮށްފައިވަނީ ޕާޓީގެ އެކި ފަރާތްތަކުގެ ފައިސާ އެހީތެރިކަން ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ނަމާދު ކުރާގޭގައި އެތެރޭގައި ފަންކާ ހަރުކޮށްފައިވާއިރު ވުޟޫ ކުރެވޭ ގޮތައް އިސްކުރު ބަރިއެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށައިފަ އެވެ.

އުސްފަސްގަނޑުގައި "ނަމާދުގެ" އެއް އަޅާފައި މިވަނީ އެ ސަރަހައްދު ހުސްކުރުމަށް ހަތް ދުވަހުގެ މުހުލަތެއް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް ދީފައިވަނިކޮށެވެ. އަދި އުސް ފަސްގަނޑުގައި ނަމާދު ކުރުމަށް ވަކިން ތަނެއް ހަދަމުންދާތީ އެކަން ހުއްޓުވައި އެތަން ނަގައި ދިނުމަށް ފުލުހުންނާއި ސިފައިންނަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓީން ވަނީ ބުނެފަ އެވެ.