ތަކެތީގެ އަގުތައް އުފުލޭ މިންގަނޑު، މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް މޭ މަހު ދަށަށް ގޮސްފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ޑިޕާޓްމަންޓުން މިދިޔަ ހަފްތާ އާންމު ކޮށްފައިވާ އިންފްލޭޝަން ބަލާ މިންގަޑު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާގޮތުން މި އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މޭ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 2.54 ޕަސެންޓް ދަށަށްގޮސްފަ އެވެ. އެޕްރީލް މަހުން ފެށިގެން މުޅި ރާއްޖޭގެ އިންފްލޭޝަން އަންނަނީ ކޮންމެވެސް ވަރަކަށް ތިރި ވަމުންނެވެ. އެގޮތުން އެޕްރީލް މަހު ތެރޭ ވެސް އިންފްލޭޝަން ރޭޓް ވަނީ 0.13 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ބުނީ މުޅި ރާއްޖޭގެ އިންފްލޭޝަން ދަށަށް ދިޔައީ މަހުގެ ބައިން އަގުތައް ކޮންމެވެސް ތިރިއަށް ޖެހިފައިވާތީ ކަމަށެވެ.

މުޅި ރާއްޖޭގެ އިންފްލޭޝަން މަސްދުވަހުގެ ތެރޭގައި ދަށަށް ދިޔަ ނަމަވެސް މުޅި ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް ހުރީ 16.19 ޕަސެންޓްގަ އެވެ. އަދި އެޕްރީލް މަހު ތެރޭ އެ އަދަދު ހުރީ 16.53 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މުޅި ރާއްޖޭގެ އެނިއަލައިޒްޑް އިންފްލޭޝަން ވަނީ 8.23 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިބައިން އިންފްލޭޝަން މައްޗަށް ދިޔައީ ދުންފަތާއި، ކެފޭ ހޮޓާ ރެސްޓޯރަންޓް އަދި ހިފާގެންގުޅޭތަކެތީގެ އަގުތައް މައްޗަށް ޖެހިފައިވާތީ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން އަންނަނީ ކޮންމެ މަހަކު އެއްފަހަރު މާލޭގެ އިންފުލޭޝަން ރޭޓްވެސް އާންމު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު މާލޭގެ އިންފުލޭޝަން ރޭޓް ހުރީ 14 ޕަސެންޓްގަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް ގެނައި ބައެއް ބަދަލުތަކާ އިންފުލޭޝަން ރޭޓަށް ކޮންމެވެސް ކަހަލަ ހެޔޮ ބަދަލުތަކެއް އައެވެ.