އިންޑިއާއިން ތުރުކީއާ ދެކޮޅަށް އެ ޤައުމު ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފެށިފައިވާއިރު އިންޑިއާގެ ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕްލޯއީސް (FWICE)އިން ތުރުކީގައި ފިލްމީ މަންޒަރުތައް ނެގުން ހުއްޓާލުމަށް ފިލްމު ޕްރޮޑިއުސަރުންނަށް ގޮވާލައިފިއެވެ.

މި ފެޑެރޭޝަންގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ފިލްމު އިންޑަސްޓްރީގެ ޕްރޮޑިއުސަރުން ގާތު އެދިފައި ވަނީ ތުރުކީ ބޮއިކޮޓްކޮށް އެ ޤައުމުގައި ކުރިއަށްގެންދަން ނިންމާފައިވާ ޝޫޓިންގްތައް ހުއްޓާލުމަށެވެ.

ހަމައެއާއެކު އަމިއްލަ ޤައުމު އިސްކުރުމަށް ވެސް ޕްރޮޑިއުސަރުން ގާތު ފިލްމު ފެޑެރޭޝަނުން ވަނީ އެދިފައެވެ.

ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕްލޯއީސްއިން އިތުރަށް ބުނެފައި ވަނީ، ޕާކިސްތާނަށް ތާއީދުކޮށް ތުރުކީއިން ވާހަކަދައްކަމުން އަންނަ މި ދަނޑިވަޅުގައި ފިލްމު އިންޑަސްޓްރީއިން ތުރުކީއަށް ބޮޑެތި އިންވެސްޓްމެންޓްކޮށް ތުރުކީގެ އެއްވެސް ބަޔަކާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ މަސައްކަތް ކުރިއަށް ގެންދަން ޝައުގުވެރިކަން ފާޅުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކޭ ކަމަށެވެ.

ތުރުކީގައި ބޮލީވުޑް ފިލްމެއްގެ ޝޫޓިންގް ކުރިއަށްދަނީ--ފޮޓޯ/ޑެއިލާސަބާހް

ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕްލޯއީސްގެ މި އެންގުމާ ޚިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު ތުރުކީގެ ފިލްމީ ތަރިންގެ އިތުރުން އެ ޤައުމުގެ ފިލްމު ޕްރޮޑިއުސަރުންނާއި އެއްވެސް ފިލްމު ކުންފުންޏަކުން ވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށް މި ފެޑެރޭޝަންއިން ވަނީ ބުނެފައެވެ.

މީގެކުރިން ތުރުކީއާ އެކު އެފަދަ އެއްބަސްވުމެއް ވެވިފައިވާ ފަރާތްތަކުން އެ އެއްބަސްވުންތައް އަލުން މުތާލިއާކޮށް އެއަށް ވަގުތުން ވަގުތަށް ނިމުން ގެންނަން ވެސް ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕްލޯއީސްއިން ވަނީ އަންގާފައެވެ.

ތުރުކީގެ އެކި ހިސާބުތަކުގައި މަންޒަރު ނަގާފައިވާ ބައެއް ބޮލީވުޑް ފިލްމުތަކުގެތެރޭ "ރޭސް 2"، "ދިލް ދަޅަކްނޭ ދޯ"، "އަޖަބް ޕްރޭމްކީ ގަޒަން ކަހާނީ" އަދި "ގުރޫ" ހިމެނެއެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ ހޫނުވެފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަތިޔާރު އެޅި ޖަމާއަތަކުން، ކަޝްމީރުގެ އިންޑިއާގެ ފަޅީގެ ޕަހަލްގާމަށް ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ.

އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށް ބުނެ އިންޑިއާއިން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ވެސް މި މަހުގެ އަށް ވަނަ ދުވަހު ފަށާފައެވެ.
ދެ ގައުމުން ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އެ ހަމަލާތައް ހުއްޓައިލަން ނިންމީ މި މަހުގެ 10 ވަނަ ދުވަހުއެވެ.