18 May 2025, 09:10
އިންޑިއާގެ ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ތަގް ލައިފް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ސައުތު ސިނަމާގެ ލެޖެންޑު އެކްޓަރު ކަމަލް ހަސަން ލީޑް ރޯލް ކުޅޭ މި ފިލްމަކީ ވަރަށް ވަރުގަދަ ގޭންގްސްޓާ އެކްޝަން ޑްރާމާއެކެވެ.
މި ފިލްމަކީ މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ގިނަބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. މަނީ ރަތުނަމްގެ އަމިއްލައަށް ސްކްރިޕްޓް ލިޔެ ތައްޔާރުކޮށްފައިވާ މި ފިލްމަކީ 1987 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ކްރައިމް ޑްރާމާ "ނަޔަކަން"އަށް ފަހު ކަމަލްއާ މަނީ ރަތުނަމް އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ކަމަލް ހަސަން ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްއާ އެކު--ފޮޓޯ/ފިލްމުފެއަ
އިއްޔެ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލިއިރު ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ފިލްމު "ތަގް ލައިފް"ގެ ޓްރެއިލާ ބެލުމަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ ކަމަލްގެ ހުނަރުވެރި ކަމަށް އަދިވެސް ފަނޑުކަމެއް ނާންކަމަށް ބުނެފައެވެ.
އުމުރުން 70 އަހަރުވެފައިވީ ނަމަވެސް ކަމަލްގެ ހުނަރަށް ވެސް އަދި ހިތްވަރަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެއީ އިންޑިއާގެ ހަގީގީ ލެޖެންޑު ސުޕަ ސްޓާއެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
ކަމަލްގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ބޮލީވުޑްގެ ތަރިން ވެސް ހިމެނެއެވެ. އޭގެތެރޭގައި އަލީ ފަޒަލް، ޕަންކަޖް ތުރިޕާތީ، ރޯހިތު ސަރަފް، މަހޭޝް މަންޖްރޭކަރު، ސާނިއާ މަލްހޯތުރާ ހިމެނެއެވެ.
ފިލްމުގައި ހިމެނޭ ސައުތު ތަރިންގެތެރޭ ޓްރިޝާ ކްރިޝްނަން، ސިލަމްބަރަސަން، އަބިރާމީ، އަޝޯލް ސެލްވަނާއި، އައިޝްވާރިއާ ލެކްޝްމީ ހިމެނެއެވެ.