ހައްޤުތައް ފުލުހުންނަށް ވެސް ލިބިންޖެހޭނެ ކަން ޤަބޫލުކޮށް ދިވެހި ފުލުހުންގެ ނަފްސާއި ކަރާމާތަށް ހުރިހާ ފަރާތްތަކެއް އިޙްތިރާމް ކުރަން ޕޮލިސް ފެމެލީ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރާގުޅިގެން ޕޮލިސް ފެމެލީ އެސޯސިއޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ހަލީމްގެ ގުރުބާނީން އިބްރަތް ހޯދުމުން ގައުމުގައި ސުލްހަވެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް ދިވެހި ފުލުހުންގެ ސަފުތައް އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ރާއްޖެ ދެކެމުންމިދާ ބަދަލާއި ގޮންޖެހުންތަކުގެ ތެރެއިން މި ޤައުމު ސަލާމަތް ކުރުމަށްޓަކައި ފަސްޖެހުމެއްނެތި ދިވެހި ފުލުން ދެމުންދާ ނަމޫނާ ހިދުމަތާއި ވަމުންދާ މަތިވެރި ޤުރުބާނީއަށް އެ އެސޯސިއޭޝަނުން ފަހުރުވެރިވާ ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންގެ ވާޖިބު އަދާކުރުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ބަޔަކު ހުރަސް އަޅަމުންގެންދާ ކަމަށާއި އެކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ހިތާމަޔާއި، ނަފްރަތާއި، ރުޅީގެ ވަގުތުގައި ފުލުހުންނަކީ ވެސް އިންސާނުން ކަމާއި އިންސާނަކަށް ވީތީ ލިބިގެންވާ ހައްޤުތައް ފުލުހުންނަށް ވެސް ލިބިންޖެހޭނެ ކަން ޤަބޫލުކޮށް ދިވެހި ފުލުހުންގެ ނަފްސުގެ ކަރާމާތައް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ގޮވާލަމެވެ. ޚާއްޞަކޮށް ޑިމޮކްރެސީއާއި އިންސާނީ ހައްޤުތައް މިލޮބުވެތި ފަސްގަނޑުގައި ދަމަހައްޓަން އެދޭނަމަ މިޤައުމަށް ޚިދުމަތްކޮށްދޭ ފުލުހުންގެ ހައްޤުތަކަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ." އެބަޔާނުގައި ވެއެވެ.

ފުލުހުން ކުރަމުންދާ ހިދުމަތަކީ ޤައުމު ފަހުރުވެރިވާފަދަ ހިދުމަތްތައް ކަމަށާއި ފުލުހުންގެ ޤައުމީ ހިދުމަތުގެ ގުރުބާނީ ފުލުހުންގެ އާއިލާތަކުން ވަޒަން ކުރާ ކަމަށާއި ހާއްސަކޮށް ޝަހީދުކޮށްލި ހަލީމްގެ ޤުރުބާނީއާ ހިދުމަތުގައި ސާބިތުކަމަށްޓަކައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ފަހުރުވެރިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.