28 Jul 2012, 14:06
ޑެސްޕަރާޑޯ، ސްޕައި ކިޑްސް، ސިން ސިޓީ، އަދި ޖޯން ކާޓާ ފަދަ ފިލްމުތައް އުފައްދާ ޑައިރެކްޓުކޮއްފައިވާ ރޮބާޓް ރޮޑްރިގޭޒް ޓުވިޓާގައި އެންމެ ފަހުން އާމުކޮއްފައިވަނީ އޭނަގެ ހަތަރުވަނަ އެކްޝަން ރޮމްޕް "މަޗަޓޭ ކިލްސް" ގެ އެކްޓިން ރޯލަކަށް ޕޮޕް ސްޓާ ލޭޑީ ގަގާ ހަމަޖައްސާފައިވާ ކަމަށެވެ.
މިފިލްމަކީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރެފައިވާ މަޗަޓޭ ފިލްމުގެ ސީކުއެލްއެކެވެ. އެ ފިލްމުގައިވެސް އެންމެ ގިނަ ބަޔަކު އަޅައިގަތް އެއްކަމެއްގެ ގޮތުގައި ޖެސިކާ އަލްބާގެ ރޯލު ހިމެނެ އެވެ.
ރޮޑްރީގެޒް މިފިލްމުން މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގަގާއަށް ރޯލެއް ދިނުމާއިއެކު މި ޚަބަރުވަނީ ފިލްމީ ދާއިރާގެ ސްޓާރުންނާއި އަދި މިއުޒިކު ފަންނާނުންނަށް ސިހުން ގެނުވި ޚަބަރެއް ކަމުގައި ވެފައެވެ. ފިލްމުގެ އިތުރު ރޯލުތަކަށް ބަލާލާއިރު އެމެރިކާގެ ރައީސްކަމުގެ ރޯލު ޗާލީ ޝީންއަށް ދިނުމާއިއެކު ކަޅު ބާޒާރުގައި ހަތިޔާރުވިއްކާ ލޫތާ ވޯޒްގެ ރޯލު އަދާކުރުމަށް މެލް ގިބްސަން ހަމަޖައްސާފައި ވެއެވެ. މިފަހަރުވެސް ކުރީގެ ފިލްމުގައި ލީޑް ރޯލެއް އަދާކުރި ޑޭނީ ޓްރޭޖޯ ފެންނާނެކަމަށް ވެއެވެ.
އެންމެންވެސް ސުވާލު އުފެދިފައިވަނީ އާދަޔާ ހިލާފު ކެރެކްޓާ ތަކުގައި ފެންނަ ލަވަކިޔުންތެރިޔާ އޭނަގެ ފުރަތަމަ ފިލްމުގައި ފެނިގެން ދާނެ ގޮތާ މެދުގައެވެ. ތަފާތު ސްޓައިލެއް ގެންގުޅޭ ލޭޑީ ގަގާގެ ރޯލާމެދު ވަކި އެއްޗެއް ރޮޑްރީގެޒް ހާމަކޮއްފައެއް ނުވެއެވެ. މިފިލްމާއި ބެހޭ ރިވިއުތަކުގައި ވަނީ ޑައިރެކްޓާ ރޮޑްރީގެޒް މަޗަޓޭ ކިލްގައި ލޭޑީ ގަގާގެ ރޯލު ބިނާ ކުރުމުގައި އޭނަގެ އެންމެ މަގުބޫލުކަން ހޯދައިފަވާ ތިން ވީޑިއޯ އަކުން ހިޔާލު ނަގާނެ ކަމަށް ފެންނަ ކަމަށެވެ.
"އައި އެމް ޑީ ބީ" އިން ބުނާގޮތުގައި ގަގާގެ ފިލްމީ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުންނާނެ ކަމަށް ވެއެވެ. އެއީ އޭނަވަނީ މެން އިން ބްލެކް 3 ގައި "އޭލިއަން އޮން ޓީވީ މޮނިޓާ" ގެ ރޯލު އަދާކޮށްދީފަ އެވެ. ނަމަވެސް މަޗަޓޭ ކިލްސްގައި އޭނަ އަދާކުރާ ރޯލަކީ ފުރަތަމަ ފަހަރަށް ފިލްމެއްގައި އަދާކުރަން ލިބުނު އެންމެ ބޮޑު ރޯލެވެ. ގަގާގެ ވީޑިއޯ ލަވަތަކުގައި ފެންނަ ފަދަ ތަފާތު މޮޅު ރޯލެއް ފެނިގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ. މިފިލްމު ސިނަމާތަކަށް ނުކުތުމަށް ހަމަޖައްސާފައިވަނީ 2013 ވަނަ އަހަރުގަ އެވެ.