28 Jul 2012, 13:57
ފަހަކަށް އައިސް މީޑިއާގެ އެންމެ ހިނގާ ދެތަރިންނަކީ ސައިފް އާއި ބޭބޯ އެވެ. ނުވަތަ ސައިފް އާއި ކަރީނާ އެވެ. ބޮލީވުޑްގެ ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ މި ދެތަރިންގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ 2012 ވަނަ އަހަރުގައިކަން އިއުލާން ކުރީއްސުރެން ސަޕޯޓަރުންނާއި މީޑީއާއިން އޮޅުން ފިލުވަން ބޭނުންވެފައި ތިބީ މިއަހަރުގެ ކޮން ތާރީޙެއްގައި ކަމެވެ.
ލޯބިވެރިންގެ މަހެއްކަމުގައި ދެކެމުން އައީ ފެބްރުއަރީ މަހުގައި ސައިފް އާއި ކަރީނާގެ އެންގޭޖްމެންޓު ކުރެވިގެންދިޔައެވެ. މި ދެތަރިންގެ އެންގޭޖުމެންޓަށްފަހު މި ޖުލައިމަހު ދެން އަޑުއިވިގެން ދިޔައީ 41 އަހަރުގެ ސައިފު އާއި 31 އަހަރުގެ ކަރީނާގެ ކައިވެނި މިއަހަރު ޑިސެމްބަރު މަހު ރާއްޖޭގައި ކުރާގޮތަށް ނިންމާފައިވާކަމުގެ ޚަބަރެވެ. ސައިފް މިހެން ބުނެފައިވަނީ މުމްބާއި މިރާއަށް ދިން އިންޓަވިއުއެއްގައެވެ.
ސައިފް ބުނިގޮތުގައި މިކައިވެންޏަށް 100 ވަރަކަށް މީހުންނަށް ދައުވަތު ދެވިފައިވުމާއިއެކު އެކައިވެނި ވާނީ "ބީޗް ވެޑިން" އަކަށެވެ. ނަމަވެސް މި ކައިވެނި ކުރާނެ ތާރީހަކާއި އަދި ކައިވެނި ބާއްވާނީ ރާއްޖޭގެ ކޮންތާކުކަމެއްވެސް އޭނާ ބުނެފައެއް ނުވެއެވެ.
މިހާރުއްސުރެ ސައިފާއި ކަރީނާވަނީ ކައިވެންޏަށް ތައްޔާރުވާން ފަށާފައެވެ. ކަރީނާއަކީ މަނީޝް މަލޯތްރާގެ ފަރުމާތައް ބޭނުންކުރާ ސްޓާރަކަށްވިޔަސް މިފަހަރު އޭނަގެ ނިންމުން ތަފާތެވެ. ސައިފްގެ މަންމަ ޝަރްމީލާ ޓޭގޯރް ގެ ނިންމުމާއި ދެކޮޅު ނުހަދަން ކަމަށް ވެދާނެއެވެ. ޝަރްމީލާ ބޭނުންވަނީ ކަރީނާގެ ކައިވެނި ހެދުން ރީތޫ ކުމާރު ލައްވާ ފަރުމާކުރާށެވެ. ޝަރްމީލާގެ ކައިވެންޏަށް ބޭނުން ކުރި ހެދުމަކީ އޭނަގެ މައިދަތަ ބޭގަމް ސާޖިދާ ސުލްތާނަށް 1939 ގައި ފަރުމާކުރެވުނު ހެދުމެކެވެ. އެހެންވެ މި ހެދުމާއިއެކު ބޯ ނިވާކުރުމަށް ޝަރްމީލާ ބޭނުންކުރި ދޯޕައްޓާ ކަރީނާގެ ހެދުމުން ވެސް ފެނިގެންދާނެ ކަމަށް ވަރަށް ހީވެއެވެ.