ރޯދަ މަހާއެކު މާލެއިން އުކާލާ ކުނި 30 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ އާންމުކޮށް 60 ޕިކަޕްގައި 750 ޓަނުގެ ކުނި ދުވާލަކު އުކާލާ ކަމަށައި ރޯދަ މަހާއެކު އެ އަދަދު 30 ޕަސެންޓަށް އިތުރުވެ ދުވާލަކަކު 975 ޓަނުގެ ކުނި މާލެއިން އުކާލަން ޖެހިފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކުވެސް ރޯދަ މަސް ފެށުމުގެ އެއް މަސް ކުރިން ވަރަށް ބޮޑަށް އިތުރުވާނެ ކުނި އުކާލެވޭ މިންވަރު، ބޮޑަށް މި ބެލެވެނީ ގޭގެއިން ބާ އެއްޗިހި އުކާލުމައި މިކަހަލަ ކަންކަމާހެދި ކަމަށް. ރޯދަ މަސް ފެށޭއިރު މާލެއިން އުކާލެވޭ ކުނީގެ މިންވަރު މި ހުންނަނީ 30 ޕަސެންޓަށް އިތުރުވެފައި،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހު ގިނަ އަދަދަކަށް އުކާލަނީ ކުނިވާ ޒާތުގެ ބާވަތްތައް ކަމަށާއި އެހެން ބާވަތްތަކުގެ ކުނިވެސް އުކާލާ މިންވަރު ވެސް އިތުރު ކަމަށެވެ.

ކުނި ނައްތާލުމަށް ބޭނުން ކުރާ މެޝިނަރީތައް ގިނަ ދުވަސްވެފައި ވުމާއި ކުނި ގެންދާ ތިލަފުށީގައި ކުނި ނައްތާލުމުގެ އިންތިޒާމްތަކެއް ނެތުމުން ކުނި ނައްތާލުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވޭ ކަމަށާއި އެއާއެކު މެލޭގެ ގޭބިސީތަކުން އުފެދޭ ކުނި ވެސް އިތުވެފައިވާ ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.

"މެޝިނަރީސްވެސް މި ހުންނަނީ ބާވެފައި، ގިނަ ދުވަސްވީ މެޝަނަރީޒް މި ހުންނަނީ. ދެން އޮތީ ތިލަފުށި، އެރަށް އަނެއްކާވެސް އެ އޮތީ މީގެ 21 އަހަރެއްހާ ދުވަސް ކުރި އޮތް ހާލުގައި، ހަމަ އޯޕަން ޑަމްޕް ސައިޓެއް ގޮތަށް، އެއްވެސް އިންތިޒާމެއް ނެތި،"